މިއަދު ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުކުމަށް ވާސިލުވެފައިވަނީ ޝަރީއަތުގައި ދައްކާފައި ނުވާ ވާހަކަތަކަށް ބިނާކޮށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ރައީސް ޔާމީންގެ ހުކުމަށްފަހު ކްރިމިނަލް ކޯޓު ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަލީ ޝާހު ވިދާޅުވީ މިއަދުގެ ހުކުމަށް ވާސިލުވެފައިވަނީ ބަހުސްކުރުމުގެ ޖާގަވެސް ނެތް، ޝަރީއަތުގެ މަޖިލީހުގައި ވެސް އެކަންތައްތަކާ ވާހަކަ ދައްކާފަ ނެތް ކަންތައްތައް ފެންމަތިކޮށްގެން ކަމަށެވެ.

"މިސާލަކަށް ދަންނަވާނަމަ އޮޑިޓް ރިޕޯޓެއްގައިވާ 77 މިލިއަން ރުފިޔާއެއްގެ ވާހަކައާ މިކަހަލަ ވާހަކަތަކެއް ހުކުމަށް ވަނީ ގެނެސްފައި. އެހެންކަމުން އެ ހުކުމަކީ އެއީ ނިހާއީ ހުކުމެއް ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" ޝާހު ވިދާޅުވިއެވެ.

ވަކީލުންގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ޝަރީއަތުން އެއްވެސް ވަރަކަށް ބަލާފައެއް ނުވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ތަހުގީގު ނުކުރެވޭ މައްސަލައެއްގައި ދައުވާ ކުރެވުނު ވާހައެއް ނެތްކަމަށާއި ޝަރީއަތް ބޭއްވުމާ ހަމައަށް ރައީސް ޔާމީންގެ ފަރާތުން ތަކުރާރުކޮށް ހުށަހެޅި ޝަކުވާތަކާ ސިޓީތަކަށް އެއްވެސް ވަރަކަށް ބަލާފައި ނުވާ ކަމަށެވެ.

ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް އާސިފް ވިދާޅުވީ ރައީސް ޔާމިންގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ދިފާއީ ހެއްކަކަށް ދިފާއުން ދައްކާފައި ހުރި އެއްވެސް ވާހަކައަކަށް އެއްވެސް ވަރަކަށް ރިއާޔަތް ކޮށްފައިވާ ތަނެއް ފެނިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ގަބޫލުކުރަމުން ދިޔައީ، އަދުލުވެރި އިންސާފުވެރި ހުކުމެއްކަމަށް ކަނޑައެޅިގެން ދާނީ. އެހެން ނަމަވެސް އިއްވިގެން މިދިޔަ ނިޔާއާ މެދު އެއްވެސް ވަކީލަކުވެސް، ރައީސް ޔާމީންވެސް އަދި ސަޕޯޓަރުންވެސް [މިއީ] އިންސާފުވެރި ނިޔާއެއް ކަމަކަށް ގަބޫލެއް ނުކުރާނެ،" އޭނާ ވިދާޅުވިއެވެ.

އެއްޗެއް ކަށަވަރުކޮށް ބުނަން އެނގޭނީ މައްސަލައާ ގުޅުންހުރި ރިޕޯޓުތައް ލިބުމުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.