28 Nov 2019, 19:32
ފީނުމުގެ ތެރޭގައި ދިމާވާ ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑިކޯވެގެން ގެނެސްފައިވަނީ ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިން 43 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.
އެމްއެންޑީއެފްގެ ސަދަން އޭރިއާގެ އެހިތެރިކަމާއެކު އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިއަދު ހަވީރު 05:35 ގައި މާލެ ގެނެސްފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑީކޯވެގެން އެ ހޮސްޕިޓަލަށް ރޭ ދަންވަރު ގެނައީ ގދ. ފަރެސްމާތޮޑާ މީހެއް ކަމަށެވެ.
މީގެ ހަފްތާއެއްހާ ދުވަސްކުރިންވެސް ޑީކޯވެގެން އެ ހޮސްޕިޓަލްއަށް ދެމީހުން ގެނައެވެ. އެ ދެ މީހުން ފަހުން ވަނީ ބަނޑޮހަށް ގެންގޮސް ފަރުވާ ދިނުމަށްމަހު އައިޖީއެމްއެޗްއަށް ބަދަލުކޮށްފައެވެ. އެ ދެމީހުންގެ ހާލުވެސް މިހާރު ރަނގަޅެވެ.
ވައިފުޅި އަޅައިގެން ޑައިވްކުރަން އުޅުމުގެ ތެރޭގައި ރައްކާތެރިކަން ކުޑަވުމުގެ ސަބަބުން ޑީކޯގެ މައްސަލަ ދިމާވުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. އަދި އެކަމުގެ ސަބަބުން ބައެއް ޑައިވަރުން ނުރައްކާތެރި ހާލަތަކަށް ގޮސް ބައެއް ގުނަވަންތަކާއި ހަށިގަނޑުގެ ބޮޑު ބައެއް ވާގި ނެތުމުގެ މައްސަލަ ދިމާވެއެވެ.
މަސްވެރިކަން ކުރުމަށް އެން ހޯދަން ޑައިވް ކުރާ މަސްވެރިން ޑީކޯވުން އިތުރުވަމުން އަންނާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ދާދި ފަހުން ވަނީ ހުށަހަޅައިފައެވެ.