ކަނޑުގޮވާން ކުރުމުގެ ތެރޭގައި ފެންނަ ކަނޑުގެ ދިރުންތަކަށް ޖެހޭ ބަލިތައް ދެނެގަތުމަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގައި އެކުއެޓިކް އެނިމަލް ހެލްތް ފެސިލިޓީއެއް މިއަދު ހުޅުމާލޭގައި ހުޅުވައިފިއެވެ.

މިއީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މެރިކަލްޗާ އެންޓަޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރި ފެސިލިޓީއެކެވެ.

މިއަދު މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ފެސިލިޓީ ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދެވެ.

އެ ފެސިލިޓީގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ކަނޑުގޮވާން ކުރުމުގެ ތެރޭގައިި ކަނޑުގެ ދިރުމަށް ޖެހޭ ބަލިތަކަށް ސްކްރީން ކުރުމާއި، ޑައިގްނޯސްޓިކް ޓެސްޓްތައް ހެދުމާއި، ބަޔޯސެކިއުރިޓީ ކޮންޓްރޯލްކުރުމުގެ ހިދުމަތްތައް މެރިކަލްޗާ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. އެ ފެސިލިޓީގައި މުސްތަގުބަލުގައި މޮލިކިއުލާ ޑައިގްނޯސްޓިކްސްއާއި، ބެކްޓީރިއޮލޮޖީ އަދި ބޭސިކް ޕެރެސިޓޮލޮޖީގެ ހިދުމަތްތަކަށް އެކަށީގެންވާ ގާބިލުކަން އުފެއްދުމަށް ރާވައިފައިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ރައްކާތެރިކަމާއިއެކު ކަނޑުގެ ދިރުން ރާއްޖެއަށް އެތެރެކުރުމަށްޓަކައި އެކުއެޓިކް ބަޔޯސެކިއުރިޓީގެ ދާއިރާ އެ ފެސިލިޓީއާއިއެކު ރާއްޖޭގައި ތަރައްގީވެގެން ދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. އަދި ބުނީ މެރިކަލްޗާކުރުމުގައި ފެންނަ ބަލިތަކުގެ ސަބަބުން ދިމާވާ ބޮޑެތި އިގްތިސާދީ ގެއްލުންތަކުން ސަލާމަތްވެތިބުމަށް އެހީތެރިވެދޭނެ ކަމަށެވެ.

އެގޮތުން ރާއްޖޭގައި މެރިކަލްޗާ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެކުއެޓިކް އެނިމަލް ހެލްތުގެ ދާއިރާއިން ގާބިލުކަން އުފެއްދަން ސަރުކާރުން އިސްކަންދޭކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި މެރިކަލްޗާ ސިނާއަތަށް ބޭނުންވާ އެކުއެޓިކް އެނިމަލް ހެލްތު ސްޓްރެޓަޖީއެއް އެކުލަވާލާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަދު ހުޅުވި ފެސިލިޓީގެ ލެބޯރަޓަރީ ހެދުމާއި، ލެބޯރަޓަރީއަށް ބޭނުންވާ ސާމާނު ހޯދުމާއި، ފެސިލިޓީ ހިންގުމަށް ބޭނުންވާ މީހުން ތަމްރީނުކޮށްފައިވަނީ މެރިކަލްޗާ އެންޓަޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ފަރާތުންނެވެ. އަދި ފެސިލިޓީގެ އިމާރާތް ހަދާފައިވަނީ ސަރުކާރުގެ ފަރާތުންނެވެ.