24 Nov 2011, 13:17
ދިވެހި ރައްޔިތުންނާއި ރައްޔިތުން ތަމްސީލުކުރާ ފަރާތްތައް ފަހުރުވެރިވާ ފަދަ ކާމިޔާބީތަކެއް ރާއްޖެ އިން ހާސިލްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ހޯދުނު ކާމިޔާބީތައް ދެމެހެއްޓުމުގައި އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ނަވަނެތެމް ޕިލޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި މިއަދު އެ މަޖިލީހުގެ މެމްބަރުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ފާހަގަ ކުރައްވަމުން އެކަމަނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެދިއެދި ތިބި ވަރުގަދަ ޑިމޮކްރެޓިކް އުއްމީދުތަކަށް އިޖާބަ ދިމުގެ ގޮތުން 2003 ވަނަ އަހަރު ފުރިހަމަ އުއްމީދީ އިސްލާހީ އެޖެންޑާއަކަށް އަމަލުކުރަން ފެށި ކަމަށެވެ.
އަދި ރާއްޖޭގައި އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނެއް އުފެއްދުމާއި ބައިނަލްއަގުވާމީ މުއާހަދާތަކުގައި ސޮއިކުރުމާއި އިންސާނީ ހައްގުތަކާ ބެހޭ މަދަނީ ޖަމިއްޔާތައް އުފެއްދުމާއި މިޒަމާނަށް ފެތޭ އައު ގާނޫނު އަސާސީއަކާއި ގާނޫނުތަކެއް އެކުލަވައިލުމާއި ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އަދި ގައުމީ އަދި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަކީ ފާހަގަކޮށްލެވޭ ކަންތައްތައް ކަމަށެވެ.
ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ދަމަހައްޓަން ކުރަން ޖެހޭ ކަންތައްތަކުގެ ގޮތުގައި ޕިއްލޭ ފާހަގަކުރެއްވީ އަލަށް އުފެއްދި މުއައްސަސާތައް އަތުގުޅާލައިގެން އިސްލާހީ ބަދަލުތައް ގެންނަން މަސައްކަތް ކުރުމާއި މަޝްވަރާކުރުމާއި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކުރުމާއި ތަފާތުތައް ބަލައިގަތުން ފަދަ ކަންތައްތަކެވެ.
"އަލަށް އުފެދުނު މުއައްސަސާތައް އަތުގުޅާލައިގެން ގައުމަށް އިސްލާހީ ބަދަލުތައް ގެނައުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިއްމު ކަމެއް. ހަމަ އެހެންމެ މަޝްވަރާކުރުމާއި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމާއި ތަފާތުތައް ބަލައިގަތުމުގެ އާދަކާދައެއް ގާއިމްކުރަން ވެސް އެބަޖެހޭ،" ޕިލޭ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ އެކަންތައްތައް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިނުނިމި ހުރި ބިލްތައް ނިންމުން އަވަސްކުރަން ޖެހޭ ކަމަށެވެ.
"ދައުލަތުގެ ތަންފީޒީ ބާރުން ވެސް ދައުލަތުގެ އެހެން ބާރުތަކުގެ މިނިވަން ކަމަށާއި އަދާކުރަން ޖެހޭ ދައުރަށް އިހުތިރާމް ކުރަން ވާނެ. އަދި ގާނޫނީ ވެރިކަމެއް ހިންގުން ކަށަވަރުކޮށްދޭން ވާނެ،" ޕިއްލޭ ވިދާޅުވި އެވެ.
ޕިއްލޭ ވިދާޅުވީ ހެޔޮބަދަލަކަށް މަގުފަހިކުރުމަށް އިންޓަނެޓުންނާއި އިޖުތިމާއީ ހަބަރު ފަތުރާ ވަސީލަތްތައް ކުޅެދޭ ރޯލާއި އެ ވަސީލަތްތަކުގެ ބާރުގަދަ ކަމަކީ ރާއްޖެ އިން ލިބިފައިވާ ފިލާވަޅެއް ކަމަށެވެ. އަދި ރާއްޖެ ވަނީ އެރޮނގުން ވަރަށް ކުރީގައި ކަމަށާއި އެހެން ނަމަވެސް ފާއިތުވި ތަނުގެ ފިއްތުމުގެ އާދަތަކުން ބަދަލަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުގެ އެކްޓިވިސްޓުންނާއި ނޫސްވެރިންނާއި ބްލޮގްތަކަށް ލިޔާ ފަރާތްތަކުން ވަނީ ބަހުސްކުރުމަށް އައު ޖާގައެއް ހޯދާފައި. އެކަމަކު ދަންނަވަން ޖެހެނީ ފާއިތުވި ތަނުގެ ފިއްތުމުގެ އާދަތަކުން ބަދަލަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް،" ޕިލޭ ވިދާޅުވި އެވެ.
ޕިލޭ އަދި ވިދާޅުވީ ސަރަހައްދާއި އިސްލާމީ ދުނިޔެ އަށް ޑިމޮކްރަސީގެ ނަމޫނާއެއްގެ ގޮތުގައި ރާއްޖެ އިން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޕިލޭގެ ތަގުރީރު އަޑުއައްސަވަން ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރި ވަޑައިގެންނެވި އެވެ.