ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުން ތަންފީޒުކުރުމަށް ޖަލަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހާއްސަ މެސެޖެއް ދެއްވައިފިއެވެ.

ރައީސް ޔާމީނާ ހަވާލާދީ އެމަނިކުފާނުގެ ގާނޫނީ ޓީމުން ވިދާޅުވީ އެމަނިކުފާނު ހުންނެވީ ވަރަށް ހިތްވަރުގަދަކޮށް ކަމަށާއި، ސަޕޯޓަރުން އެއްވެސް ވަރަކަށް މާޔޫސްނުވުމަށާއި ވަރަށް އަވަހަށް ނުކުމެވަޑައިގަންނަވާނެކަމަށް ވިދާޅުވި ކަމަށެވެ.

"ރައީސް ޔާމީން ހުންނެވީ ވަރަށް ހިތްވަރު ގަދަކޮށް. ވިދާޅުވީ އެއްގޮތަކަށްވެސް މާޔޫސްނުވުމަށް. ވަރަށް ހިތްވަރު ގަދަކޮށް ހުންނެވީ. ވިދާޅުވީ ހަމަ ތިމަންނަ ވަރަށް އަވަހަށް ނުކުމެވަޑައިގަންނަވާނެ ކަމަށް،" ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ މިއީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި، އަދި ޖިނާއީ އަދުލުގެ ނިޒާމުގައި އައި ހިތާމަވެރި ކަޅު ދުވަހެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ހުކުމު އިއްވަން 24 ގަޑިއިރަށް ވުރެ ކުޑަތަންވެފައި ވަނިކޮށް، ރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި އެ ޕާޓީގެ އާންމު މެމްބަރުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވަނީ ވަސިއްޔަތެއް ކުރައްވައިފައެވެ.

ރައީސް ޔާމީން ވިދާޅުވީ ދުވަސްކޮޅަކަށް އެމަނިކުފާނު ޕާޓީއާ ދުރަށް ޖެހިވަޑައިގަންނަވަން ޖެހުނަސް ޕާޓީއަށް އެހެން ބަޔަކަ ސަވާރުވިޔަ ނުދިނުމަށް އާންމު މެމްބަރުން މަސައްކަތް ކުރައްވަން އެދޭ ކަމަށެވެ.

"އަޅުގަނޑު ފަހަރެއްގައި ތިބޭފުޅުންނާ ދުވަސްކޮޅަކަށް ވަކިވެލާން ޖެހުނު ކަމުގައި ވީނަމަވެސް. އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުމެން ޕާޓީގެ އިސްބޭފުޅުން ކުރައްވާ ކަންކަމަށް ސަމާލުވެވަޑައިގަންނަވާށޭ. މިކަހަލަ ބައްދަލުވުންތަކަށް އެބޭފުޅުންނަށް ތާއީދު ކުރައްވަން އެބޭފުޅުން ހިތްވަރުދެއްވަން ގިނަގިނައިން ވަޑައިގަންނަވާށޭ. އަޅުގަނޑު މިތާ ނެތުމަކުންނެއް އަޅުގަނޑުމެން ޕާޓީގެ މައްޗަކަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވައްޗޭ." ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ހުރުމާއި ނެތުމަކީ ލޯމަތީގައި އޮތް އެއްޗަކަށް ނުހައްދަވަން ޔާމީން އެދިލެއްވި އެވެ. އަދި އެމަނިކުފާނާ ދޭތެރޭގައި ޕީޕީއެމް މެމްބަރުންގެ ހިތުގައި ޝުއޫރު ބިންވަޅުނެގިފައި އޮތުމަކީ ބޭނުންވާގޮތް ކަމަށް ވިދާޅުވި އެވެ. މިހާތަނަށްވެސް އެމަނިކުފާނާއި ޕީޕީއެމް މަސައްކަތް ކުރީ ގައުމުގެ ހައްގުގައި ކަމަށް ވިދާޅުވި އެވެ. ޕީޕީއެމުން އެއްވެސް އުމުރެއްގެ އެއްވެސް ގިންތިއެއްގެ މީހަކު ވަކިވެގެން ދިޔަ ނުދިނުމަށް ޔާމީން ޕީޕީއެމްގެ އާންމު މެމްބަރުން ކިބައިން އެދިލެއްވި އެވެ.

ރައީސް ޔާމީންގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި، ހަ މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާއަށްވާ ފަސް މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް އަމުރު ކޮށްފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބުނީ އެމަނިކުފާނުގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ވާސިލުވެފައި ވަނީ ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްފައި ނުވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެ ހުކުމުގައި ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުންވެސް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި އެހެންކަމުން އެ ހުކުމް އިސްތިއުނާފު ކުރާނެކަމަށް ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.

އެހެންކަމުން އެ ހުކުމް އިސްތިއުނާފުކޮށް، ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަންކުރަން ހުށަހަޅާނެކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ.