އުއްތަމަ ފަނޑިޔާރު ކަމަށް ހަމަޖެއްސުމަށް ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަަކަށް ފޮނުއްވައިފި އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް، ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާއީ ހައިކޯޓްގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އައްޔަން ކުރުމަށް ވެސް ރައީސް ވަނީ މިއަދު ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޓަށް އެންޑޯސްކުރެއްވި ބޭފުޅުންގެ ވަނަވަރު:

  • މުއުތަސިމް އަދުނާން، މ. ގުލްފާމްގެ:ފެހި ގާނޫނު އަސާސީގެ ދަށުން އޮގަސްޓް، 10، 2010 ގައި ފުރަތަމަ އެކުލަވާލި ސުޕްރީމް ކޯޓްގެ ބެންޗްގައި ހިމެނިވަޑައިގެންނެވި. މަގާމުން ވަކިކޮށްފައިވަނީ، 2014 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރުމަށް ގާނޫނަށް ގެނައި އިސްލާހަކުން.

  • ހުސްނުއް ސުއޫދު، އައްޑޫ ސިޓީ، ހަސަންކާރިގެ:އޭނާ އަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް. އަދި އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރައްވާފައި.
  • އަބަދުއްރައޫފު، މ. ވޭސައިޑް:ހައިކޯޓުގެ މިހާރުގެ ފަނޑިޔާރެއް. އޭނާ ހައިކޯޓް ފަނޑިޔާރު ކަމަށް ހަމަޖެއްސީ މާޗު، 26، 2011ގައި. އޭނާ ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ވަކީލުކަމާއި، ސިވިލްކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާކަން ވެސް ކުރައްވާފައި.

ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް މި ނަންފުޅުތައް އެންޑޯސް ކުރެއްވި އިރު، ޖޭއެސްސީއިން ވެސް ވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް މިއަދުގެ ހަވީރު 4:00 އަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފަ އެވެ. ރައީސް ފޮނުއްވި ނަންފުޅުތަކާ އެކު ފަނޑިޔާރު ކަމަށް ކުރިމަތިލީ ބޭފުޅުންގެ ނަންތައް ޖޭއެސްސީއިން ދިރާސާކޮށް މަޖިލީހަށް ފޮނުވާނެ އެވެ.

ސުޕްރީމް ކޯޓްގެ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން އެ ކޯޓްގެ ތިން ފަނޑިޔާރުންގެ މަގާމު ހުސްވެފައި ވަނީ، އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެ ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދު މިފަހުން ފަނޑިޔާރު ކަމުން ވަކިކުރެއްވުމުން އެވެ. އަދި އެ ކޯޓްގެ ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ ސިއްހީ ސަބަބުތަކަށް ޓަކައި ކަމަށް ވިދާޅުވެ، މަގާމުން ރިޓަޔާ ކުރައްވައިފަ އެވެ.

މިހާރު ސުޕްރީމް ކޯޓްގައި ތިއްބެވީ، ވަގުތީ ގޮތުން ކޯޓުގެ ހިންގުން ހަވާލުކޮށްފައިވާ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

އޭގެތެރެއިން ފަނޑިޔާރު އަބްދުލްޣަނީ ސަސްޕެންޑްކޮށް، ވަކިކުރުމަށް ޖޭއެސްސީން ވަނީ މަޖިލީހަށް ފޮނުވާފަ އެވެ. އަދި މިއަދު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ، ޖޭއެސްސީގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. ދެން އޮތީ މަޖިލިސް ތަަޅުމުގައި އަބްދުލްޣަނީ ވަކިކުރުމަށް ވޯޓަށް އެހުމެވެ.