ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑް އަދި ޖީންސް އުފައްދާ އެންމެ ބޮޑު ކުންފުނި ލީވައިސްގެ ފިހާރައެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ. މި ފިހާރަ ހުޅުވީ ސޮނީ ސްޕޯޓްސްއިންނެވެ.

ލީވައިސްއަށް ޚާއްސަ ފިހާރަ ހުޅުވާފައިވަނީ އަމީނީމަގުގައި ހުންނަ ސޮނީ ސްޕޯޓްސް ފެޝަން ސްޓޯރުގެ ގްރައުންޑް ފްލޯގައެވެ.

ސޮނީ ސްޕޯޓްސްއިން ހުޅުވި ލީވައިސް ފިހާރަ-- ފޮޓޯ/ސޮނީ ސްޕޯޓްސް

އެކަމާ ގުޅޭގޮތުން ސޮނީ ސްޕޯޓްސްގެ މާކެޓިންގް މެނޭޖަރު މުހައްމަދު ޝަހުލީން ވިދާޅުވީ އެ ފިހާރައިން ލީވައިސް ބްރޭންޑުގެ އެންމެ މަގުބޫލު ކަލެކްޝަންތަކުގެ ގިނަ ވައްތަރުތައް ލިބެން ހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ކްރިއޭޓް ކުރީ 'ޝޮޕް އިން ޝޮޕް' އެކްސްޕީރިއެންސެއް (ސޮނީ ސްޕޯޓްސް ފެޝަންގެ ތެރެއަށް ލީވައިސް ސްޓޯރެއް އައުން)... އެންމެ ބޮޑަށް މި ބަލަނީ ކަސްޓަމަރުންނަށް ލީވައިސް ސްޓޯއެއްގެ އެކްސްޕީރިއެންސް މި ތަނުން ލިބުން. މިތަނުގައި މިހާރު ވެސް ހުންނާނެ 200 އަށް ވުރެ ގިނަ ބާވަތްތަކުގެ އެޕެރެލްސް (އަންހެން އަދި ފިރިހެން)." ޝަހުލީން ވިދާޅުވިއެވެ.

ސޮނީ ސްޕޯޓްސްއިން ހުޅުވި ލީވައިސް ފިހާރަ-- ފޮޓޯ/ސޮނީ ސްޕޯޓްސް

މީގެ އިތުރުން ޝަހުލީން ވިދާޅުވީ ލީވައިސް ބްރޭންޑުގެ ޖީންސް ގަތުމުން ހެޔޮވަރު ކޮށްދިނުމުގެ ޚިދުމަތްވެސް އެތަނުން ހިލޭ ފޯރުކޮށްދޭނެ ކަމަށެވެ.

ލީވައިސް ސްޓޯރު ހުޅުވުން ފާހަގަކުރުމުގެ ގޮތުން މިއަދު އެ ފިހާރައިން ދެ ލީވައިސް ޖީންސް ގަތުމުން އިތުރު އެއް ޖީންސް ހިލޭ ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސޮނީ ސްޕޯޓްސްއަކީ ލީވައިސް ބްރޭންޑްގެ ރާއްޖޭގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓާއެވެ. ލީވައިސްގެ އިތުރުން ސޮނީ ސްޕޯޓްސްއިން ވިއްކާ މަޝްހޫރު ބްރޭންޑުތަކުގެ ތެރޭގައި ރިޕްކާލް، ރޮކްސީ، ބިލަބޮންގް، ކުއިކްސިލްވާ އަދި ޑީސީ ހިމެނެއެވެ.