28 Nov 2019, 21:44
ދިއްލީ (ނޮވެމްބަރު 28): ކަޝްމީރުގައި އިންޑިއާއިން ބޭނުން ކުރަން ޖެހެނީ "އިސްރާއީލްގެ މޮޑެލް" ނުވަތަ އިސްރާއީލުގެ ސިޔާސަތުތައް ކަމަށް އިންޑިއާގެ ޑިޕްލޮމެޓަކު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ނިއުޔޯކްގައި ހުންނަވާ އިންޑިއާގެ ކޮންސުލް ޖެނެރަލް ސަންދީޕް ޗަކްރަވޯޓީ އެފަދައިން ވިދާޅުވީ ނިއުޔޯކުގައި ކަޝްމީރުގެ ހިންދޫންނާއެކު ބޭއްވި ޕްރައިވެޓް ބައްދަލުވުމެއްގައެވެ.
އޭނާ ވިދާޅުވި ގޮތުގައި 1990ގެ ކުރީކޮޅު ކަޝްމީރުގައި އިންޑިއާގެ ވެރިކަމާ ދެކޮޅަށް ފެށި ހަރަކާތުގެ ސަބަބުން އެސަރަހައްދު ދޫކޮށްދާން ޖެހުނު އެތައް ހާސް ހިންދޫންނަށް ދެން އަނބުރާ ކަޝްމީރަށް ދެވޭނެއެވެ. އަދި އެކަމަށް މަގުފަހިކުރުމަށްޓަކައި އިންޑިއާއިން އިސްރާއީލުގެ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތްކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"ކަޝްމީރުގެ ސަލާމަތީ ހާލަތު ރަނގަޅުވާނެ. އެކަމަށް [އަމަލު ކުރާނެ ގޮތުގެ] މޮޑެލްއެއް ދުނިޔޭގެ އެބައޮތް. އަޅުގަނޑުމެން އެއަށް އަމަލު ނުކުރަނީ ކީއްވެ ކަމެއް ނޭނގެ. މިއީ މެދުއިރުމަތީގައި ހިނގާފައި އޮތް ކަމެއް. އިސްރާއީލުގެ ރައްޔިތުންނަށް އެކަން ކުރެވޭނަމަ، އަޅުގަނޑުމެންނަށްވެސް އެކަންވާނެ،" ޗަކްރަވޯޓީ ވިދާޅުވިއެވެ.
ނަމަވެސް އިންޑިއާއިން އަމަލު ކުރަންވީ ކޮން ސިޔާސަތުތަކަށް ކަމެއް ޗަކްރަވޯޓީ ތަފްސީލުކޮށްނުދެއްވަ އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އޭނާ ދައްކަވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވާ ގޮތުގެ ވާހަކަ އެވެ. އަދި އިންޑިއާއިން ބޭނުން ވަނީ ކަޝްމީރު "ތަރައްގީ ކުރުމުގެ ބަދަލުގައި ކަޝްމީރުގައި އެސަރަހައްދުގެ ރައްޔިތުން ނޫން އެހެން މީހުން ވަޒަންވެރިކުރުވާ ބާވަތުގެ އިސްތިއުމާރެއް ކުރަން" ކަމަށް، ކަޝްމީރުގެ ރައްޔިތުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ބުންޏެވެ.
މިދިޔަ އޮގަސްޓު މަހު އިންޑިއާގެ ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކާއެކު އެގައުމުން ވަނީ ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލާފައެވެ. އަދި އެއީ ސްޓޭޓެއްގެ ބަދަލުގައި މައި ސަރުކާރުގެ ބާރު ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަށް ބަދަލުކޮށްފައެވެ.
އިންޑިއާގެ ސަރުކާރުން އެބަދަލު ގެނައުމުގެ ކުރިން އެސަރަހައްދުގައި ފޯނާއި އިންޓަނެޓުގެ ހިދުމަތް ކަނޑާ، ސިޔާސީ އިސް ފަރާތްތައް ގޭބަންދުގައި ބޭތިއްބިއެވެ. އަދި ކަޝްމީރުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިތުރު ސިފައިން އެސަރަހައްދަށް ފޮނުވިއެވެ. އެހެންނަމަވެސް އިންޑިއާގެ ނިންމުމާ ދެކޮޅަށް ކަޝްމީރުގައި ވަރުގަދަ މުޒާހަރާތައް ބާއްވާފައިވެއެވެ.
އެސަރަހައްދުގައި މިހާރު ފޯނު ބޭނުން ކުރެވޭ ގޮތް ހެދި ނަމަވެސް އަދިވެސް އިންޓަނެޓުގެ ހިދުމަތް ދީފައި ނުވެއެވެ.