ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލް އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރިއްޖެއެވެ.

ޒަމާންތަކެއް ވަންދެން އަންހެން ދަރިވަރުންނަށް ހާއްސަ ސްކޫލެއްގެ ގޮތުގައި އޮތް އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުނުއިރު 2010 އިން ފެށިގެން އެ ސްކޫލްގައި ފިރިހެން ދަރިވަރުންވެސް ކިޔަވަމުންދެއެވެ.

އަންހެން ދަރިވަރުންނަށް ހާއްސަކޮށް "މަދަރަސަތުލް ސަނިއްޔާ"ގެ ނަމުގައި އެ ސްކޫލް ހުޅުވީ 1944 ވަނަ އަހަރުއެވެ. ނަމަވެސް ފަހުން އެ ސްކޫލްގެ ނަން މިހާރުގެ ނަމަށް ބަދަލުކުރިއިރު އެ ސްކޫލްގެ ނަން ނިސްބަތްވަނީ ރާއްޖޭގެ ފުރަތަމަ ރައީސް، ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށެވެ.

މިއަހަރުގެ ދިރާސީ ނިމުނުއިރު 2،360 ދަރިވަރުން އަމީނިއްޔާ ސްކޫލްގައި ކިޔަވައިފައެވެ. އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު "ސަން"އަށް ވިދާޅުވީ އެ ސްކޫލަށް 75 އަހަރު އެ ސްކޫލުން ބޮޑެތި ކާމިޔާބީތަކެއް އެކި ރޮނގުރޮނގުން ހޯދައިފައިވާ ކަމަށެވެ. އެގޮތުން ނިމިގެން ދިޔަ އަހަރު އޯ ލެވްލް އިމްތިހާނުން 70 ޕަސެންޓް ދަރިވަރުން އެ ސްކޫލުން ފަސް މާއްދާއިން ފާސްވިކަމަށާއި އަދި 40 ދަރިވަރުން އޯލެވެލް ޓޮޕް ޓެންގައިި ހިމެނުނު ކަމަށެވެ.

ނާޒްލީން ވިދާޅުވީ އެ ސްކޫލަށް 75 އަހަރު ފުރުނުއިރު އެ ސްކޫލުގެ މެދުގައި ހުންނަ ބާވެފައިވާ އިމާރާތް ތަޅާލާނެކަމުގެ އިޝާރާތެއް އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ ކަމަށެވެ. އޭގެ ސަބަބުން ސްކޫލުގެ ދަރިވަރުންނަށް ޖާގަ ތަނަވަސް ވެގެންދާނެ ކަމަށާއި އޭގެ ސަބަބުން އިތުރު ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ފަސޭހަަ ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަމީނިއްޔާ ސްކޫލް-- ސަން ފޮޓޯ: އަހްމަދު އަވްޝަން

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރޭތީ އެ ސްކޫލުން ރާވައިގެން މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން އެ ސްކޫލުގެ މުސްކުޅި ދަރިވަރުންނާއި އަންހެން ފިރިހެން ހިމެނޭގޮތަށް ވަކި ވަކި ފުޓްބޯޅަ މެޗުތަކެއް ވަނީ ބާއްވައިފއެވެ

އޭގެ އިތުރުން މިއަހަރު ފެށުނުތަނާގެން މުސްކުޅި ދަރިވަރުން ހިމެނޭގޮތަށް ވަނީ ބޮޑު ޖަލްސާއެއްވެސް ބާއްވައިފައެވެ.

އޭގެ އިތުރުން ގޯ ގްރީންގެ ނަމުގައި ސްކޫލުގެ ގޯތިތެރޭގައި ގަސް އިންދުމުގެ ހަރަކާތަކާއި އާޓް އެގްޒިބިޝަންއެެެއްގެ އިތުރުން ކުރީގެ ދަރިވަރުން ހިމެނޭގޮތަށް ހުޅުމާލޭގައި ބޮޑު ޕެރޭޑެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

އަލިމަސްޔޫބިލްގެ މުނާސަބާތާ ގުޅިގެން އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އަމީނިއްޔާ

ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލުން ކިޔެވި ބައެއް އަންހެން ދަރިވަރުން މިހާރު ދަނީ ސަރުކާރާއި އަދި އަމިއްލަ ކުންފުނިތަކުގެ އިސް މަގާމުތައް މިހާރުވެސް އަދާކުރަމުން ދެއެވެ.