ރާއްޖެ އަށް ސައިކަލު އެތެރެކުރާ މަޝްހޫރު ކުންފުނި، ޝީޝާގެ ތިންބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ ]އެސްބީއައި[ގައި ހުޅުވާފައި އޮތް އެކައުންޓަކުން 18 މިލިއަން ރުފިޔާ ގެއްލިއްޖެ އެވެ.

އެ ފައިސާތައް ގެއްލުނީ ޝީޝާގެ ތިން ބެއިންގެ ނަމުގައި އެސްބީއައިގައި ހުޅުވާފައި އޮތް ޕާސަނަލް ސޭވިން އެކައުންޓަކުންނެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ފައިސާތައް ޓްރާންސްފާކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގައި އޮތް މީހެއްގެ އެކައުންޓަކަށެވެ. އެއީ ކާކުގެ ނަމުގައި އޮތް އެކައުންޓެއް ކަމެއް ނޭނގެ އެވެ. ނަމަވެސް މިހާރު އެ އެކައުންޓުން 14 ވަރަކަށް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ.

ޝީޝާގެ އޮފިޝަލަކު ވެސް ވަނީ އެސްބީއައިގައި ހުޅުވާފައި ހުރި އެ ކުންފުނީގެ އެކައުންޓަކުން 18 މިލިއަން ރުފިޔާ ގެއްލިފައިވާ ކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ފުލުސް މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ ޝީޝާގެ އެކައުންޓަކުން ފައިސާތަކެއް ގެއްލުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ.

ޝީޝާގެ އެ ތުހުމަތާ ގުޅޭ ގޮތުން އެސްބީއައި އަދި ބޭންކް އޮފް މޯލްޑިވްސްއަކުން އެއްވެސް އެއްޗެއް ނުބުނެ އެވެ.