28 Nov 2019, 17:23
މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ މިއަދު ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަފާލާތުގެ ދަށުން މިނިވަންކުރަން ހުށަހަޅަން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުން މައްސަލައިގައި އިއްވި ހުކުމްގައި ބުނެފައި ވަނީ އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމުގެ އިތުރުން ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކުރާ ކަމަށެވެ.
ހުކުމަށްފަހު ކްރިމިނަލް ކޯޓު ބޭރުގައި މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އަހްމަދު އާސިފް ވިދާޅުވީ ރައީސް ޔާމީނަށް އިއްވި ހުކުމަކީ އިންސާފުވެރި ހުކުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އެހެންކަމުން މައްސަލަ އިސްތިއުނާފުކޮށް، ރައީސް ޔާމީން ބެއިލް ނުވަތަ ކަފާލާތުގެ ދަށުން މިނިވަންކުރަން ވެސް ހުށަހަޅުއްވާނެ ކަމަށް އާސިފް ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ ބެއިލްގެ ފުރުސަތަކީ ހަމައެކަނި ތުހުމަތު ކުރެވޭ ފަރާތްތަކަށް ތަހުގީގު މަރުހަލާގައި އޮންނަ ފުރުސަތެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކި ނަމަވެސް، އެއީ ތަހުޒީބު މުޖުތަމައުތަކުގައި އެކަން އޮންނަ ގޮތް ނޫން ކަމަށެވެ.
އަދި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރެވިގެން ދިޔަ މައްސަލައަކީ ވެސް ބެއިލް ނުލިބޭނެ ކުށެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ބެއިލް ނުލިބޭ ކުށްތައް ރާއްޖޭގެ ގާނޫނުގައި ވެސް ކަނޑައެޅިފައި އެބަ ހުރި. މިއީކީ ބެއިލް ނުލިބޭނެ ކުށެއް ނޫން. މިއީ ބެއިލް ލިބޭ ބާވަތުގެ ކުށެއް. އެއްވެސް ކަހަލަ ނުރައްކާތެރި، ނޫނީ ސީރިއަސް ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ނޫން މީކީ،" އާސިފް ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ މިހާރުވެސް ބެއިލް އަށް ހުށަހަޅަންޖެހޭ ކަރުދާސްތައް ތައްޔާރުކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ބެއިލް އަށް މައްސަލަ ވައްދާނެ ކަމަށެވެ.
ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑްރިން ނުހިމެނެ އެވެ. ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކުށްތަކަކީ:
ގަސްދުގައި މީހަކު މެރިކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް
- މީހަކު މަރާލެވިދާފަދަ ހަތިޔާރަކުން މީހަކަށް ހަމަލާދީ، އެމީހަކަށް ނުރައްކާތެރި ހާނިއްކައެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތައް
- ޓެރަރިޒަމްގެ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް
- ދައުލަތުގެ މިނިވަންކަމާއި އިސްތިގްލާލަށް ގެއްލުންވާފަދަ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް
- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ މައްސަލަތައް
- ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށްކުށުގެ މައްސަލަތައް
- ކަފާލާތުގައި ދޫނުކުރެވޭނެކަމަށް އެހެން ގާނޫނަކުން ކަނޑައަޅާފައިވާ މައްސަލަތައް
ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބުނީ އެމަނިކުފާނުގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ވާސިލްވެފައި ވަނީ ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްފައި ނުވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އެ ހުކުމުގައި ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި އެހެންކަމުން އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.
އާސިފް ވިދާޅުވީ ކުރިއަށް އޮތީ ބަންދު ދެ ދުވަސް ކަމަށާއި، އަދި މަތީ މަރުހަލާގެ ކޯޓުތައް ރިސެސް އަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވީނަމަވެސް، މިރެއިން މިރެއަށް އެ ހުކުމް އިސްތިއުނާފު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެހެންވީމަ އެމަނިކުފާނުގެ އިސްތިއުނާފު ހައްގަށް އަދި ބެއިލްގެ ހައްގަށް ދައުލަތުން ހުރަސް އަޅަން މަސައްކަތް ނުކުރާނެ ކަމަށް އަޅުގަޑުމެން އުންމީދު ކުރަނީ،" އާސިފް ވިދާޅުވި އެވެ.