28 Nov 2019, 15:50
އަންނަ އަހަރަށް 315 ބިދޭސީ ޓީޗަރުން ހޯދަން ސްކޫލްތަކުން އެދިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޝަރުމާ ނަސީރު "ސަން" އަށް ވިދާޅުވީ ނިމިގެން ދިޔަ ދިރާސީ އަހަރު 1890 ބިދޭސީ ޓީޗަރުން ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވައިދިން ކަމަށެވެ.
ބިދޭސީ ޓީޗަރުން ހޯދަން މިނިސްޓްރީއަށް ހުށަހެޅި ނަަމަވެސް ދިވެހި ޓީޗަރުން ހޯދަންވެސް ސްކޫލްތަކުން އިއުލާންކުރާކަންވެސް ޝަރުމާ ފާހަގަކުރެެއްވި އެވެ. ޝަރުމާ ވިދާޅުވީ އެފަދަ ހާލަތްތަކުގައި ބިދޭސީ ޓީޗަރުން ހަމަޖައްސަނީ ދިވެހި ޓީޗަރުން ނުލިބުމުން ބަދަލުގައި ކަަމަށެވެ.
ޝަރުމާ ވިދާޅުވީ މިހާރު އެންމެ ބޮޑަށް ބިދޭސީ ޓީޗަރުން މަސައްކަތް ކުރަނީ ސާނަވީ ގްރޭޑްތަކުގައި ކަމަށާއި ހާއްސަކޮށް ފިޒިކްސް ކެމިސްޓްރީ ބައިލޮޖީ ފަދަ މާއްދާތަކުން ދިވެހި ޓީޗަރުން ލިބުމުގަިއ ދަތިތަކެއް އެބަހުރި ކަމަށެވެ.
އެފަދަ މާއްދާތައް އަތޮޅު ތެރޭގެ ސްކޫލްތަކުގަިއ ކިޔަވާދޭ ޓީޗަރުން މާލެ ބަދަލުވުން ފަދަ ހާލަތްތައް ބަދަލުވުމުން ދިވެހި ޓީޗަރުން ހޯދުމުގައި ދަތިކަމަށް ޝަރުމާ ވިދާޅުވިއެވެ.
ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ލިބުމުން އެ ބިދޭސީ ޓީޗަރުން އަތޮޅުތަކުގެ އެހެން ސްކޫލްތަކަށް ބަދަލުކުރައްވާކަމަށްވެސް ޝަރުމާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެން ތިން މަހުގެ ނޯޓިހެއް އެފަދަ ހާލަތްތަކުގައި ބިދޭސީ ޓީޗަރުންނަށް ދެން" ޝަރުމާ ވިދާޅުވި އެވެ.
ސްކޫލުތަކުގެ ޕްރައިމަރީ ގްރޭޑުތަކަށް ދިވެހި ޓީޗަރުން ނުލިބޭތީ ބޭރުން ޓީޗަރުން ގެންނަން އެޑިއުކޭޝަން މިނިސްޓްރީން މިއަހަރު ކުރީކޮޅު އިއުލާންވެސް ކުރި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެގޮތަށް އޭރު ނިންމީ ދިވެހި ޓީޗަރުން ލިބުމުގައި ދިމާވި ދަތިތަކާ ހުރެ ކަމަށެވެ.