24 Nov 2011, 12:45
ދުނިޔޭގެ ފެންވަރުގެ އެންމެ މޮޅު ހޮކީ ޓީމްތަކާއި ކްރިކެޓް ޓީމްތައް އަދި އެހެނިހެން އެތްލީޓުން އުފައްދާފައިވާ ޕާކިސްތާނަކީ ފުޓްބޯޅައިގާ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ވަރުގެ ޤައުމެއްނޫނެވެ. އަދި ސަރަޚައްދުގެ ފުޓްބޯޅަ އެސޯސިއޭޝަން އެއް އުފެދިފައިވާ އިރު، ޕާކިސްތާނަކީ މިސަރަޙައްދުގައި ވެސް ފުޓްބޯޅައިގެ ވަރުގަދަ ބާރެއް ކަމަށް މިހާރު ބެލެވޭކަށްނެތެވެ.
ޕާކިސްތާނުން އެޤައުމުގެ ފުރަތަމަ ބައިނަލްއަޤްވާމީ ފުޓްބޯޅަމެޗް ކުޅެފައިވަނީ 1950 ގައި އީރާން އާ އެކު 5 ލަނޑު 1 ލަނޑުގެ ނަތީޖާއަކުން ބަލިވި މެޗްގަ އެވެ. އަދި ބައިނަލްއަޤުވާމީ ފުޓްބޯޅައިގާ ސަރަޙައްދުގެ ގަދަބާރެއްގެ ގޮތުގައި ހަށިފޮޅާލުމަށް 1952ގައި އީރާނާ އެކު ގަދަފަދަ މެޗްތަކެއް ކުޅެ އެއްވަރުކޮށްފައިވެ އެވެ. ޕާކިސްތާނުގެ ފުޓްބޯޅައިގާ އެންމެ ވަރުގަދަ ދުވަސްވަރަކަށް ބެލެވެނީ 1960ގެ އަހަރުތަކެވެ. މިދުވަސްވަރު ޕާކިސްތާނުގެ ޤައުމީ ފުޓްބޯޅަޓީމް ވަނީ ސައުދީ އަރަބިޔާ ،ޖަޕާން ފަދަ ޤައުމުތަކާއި އެއްވަރުކޮށްފަ އެވެ.
ޕާކިސްތާން ފުޓްބޯޅައިގެ ހަރުފަތުން ކުރިއަރަމުން ދިޔަ ބާރުމިނަށް ހުއްޓުމެއް އައީ ފުޓްބޯޅައަށް ފޯރިގަދަ އިރުމަތީ ޕާކިސްތާނު 1970ގައި މިނިވަންކަމަށް ދަޢުވާ ކުރުމާއި، 1971 ގައި އިރުމަތީ ޕާކިސްތާން ނުވަތަ މިހާރުގެ ބަންގްލަދޭޝް ވަކި ޤައުމެއްގެ ގޮތުގައި އުފެދިގެން އައުމުންނެވެ. މިހާހިސާބުން އިރުމަތީ ޕާކިސްތާނުގައި ތިބި ފުޓްބޯޅަތަރިން ޕާކިސްތާންގެ ޤައުމީ ފުޓްބޯޅަ ޓީމުން ބީވެގެން ދިޔަ އެވެ. އަދި 1970 ވަނަ އަހަރުގެ ކުރީކޮޅު ސަރަޙައްދީ ހަނގުރާމައިގެ ސަބަބުން ޕާކިސްތާންގެ ފުޓްބޯޅަ ޓީމަށް މަދު މެޗްތަކެއް ކުޅުމުގެ ފުރުސަތުލިބުމުން ޓީމް އިތުރަށް ބަލިކަށި ވުމަށް މަގުފަހިވި އެވެ. މިޙާލުގައި ވެސް ޕާކިސްތާންގެ ފުޓްބޯޅައިގެ ނިވެމުންދިޔަ ހުޅުކޮޅު ހިފެހެއްޓޭތޯ ކުރަމުން ދިޔަ ހިތްވަރުގެ ތެރެއިން ގަދަމެޗަކުން ހޯދުނު ހަމަ އެކަނި ކާމިޔާބަކީ1978 ވަނަ އަހަރު 2 ލަނޑު 2 ލަނޑުން ތުރުކީ ވިލާތާއި އެއްވަރުކުރެވުމެވެ. ޕާކިސްތާންގެ ފުޓްބޯޅަޓީމް ފީފާގެ ދަރަޖަކުރުމުގައި މިހާރު އޮތީ 173 ވަނަ ދަރަޖާގަ އެވެ.
ޤައުމީ ޓީމްގެ ކާމިޔާބީތައް
ޕާކިސްތާންގެ އެތެރޭގައި ކުލަބުތަކުގެ ފުޓްބޯޅަ މުބާރާތްތަކުގެ އެންމެ ބޮޑު މުބާރާތަކީ ޕާކިސްތާން ޕްރީމިއަރލީގް އެވެ. މިލީގްގައި ޤައުމުގެ އެކި ހިސާބުތަކުން 16 ޓީމެއް ވާދަކުރާނެ އެވެ. ޕާކިސްތާންގެ ކުލަބުތަކުން ކޮލިފައިވާންޖެހޭ ބައިނަލްއަޤްވާމީ ކުލަބް މުބާރާތަކީ އޭ.އެފް.ސީ ޕްރެޒިޑެންޓްސް ކަޕް އެވެ. މިމުބާރާތަކީ އޭ.އެފް.ސީ އިން ބާއްވާ 3 މުބާރާތުގެ ތެރެއިން 3 ވަނަ ފަންތީގެ މުބާރާތެކެވެ. ދިވެހިރާއްޖޭގެ ކުލަބުތައް ކުޅޭ އޭ.އެފް.ސީ ކަޕް އަކީ އޭ.އެފް.ސީ އިން ބާއްވާ މުބާރާތްތަކުގެ ތެރެއިން 2 ވަނަ ދަރަޖައެވެ.
ޤައުމީ ޓީމްގެ ކާމިޔާބީތައް
ޕާކިސްތާންގެ ޤައުމީ ފުޓްބޯޅަ ޓީމް ފީފާ ދުނިޔޭގެ ތަށީގެ މުބާރާތާއި އޭޝިޔާގެ ތަށީގެ މުބާރާތަށް މިހާތަނަށް ކޮލިފައިވެފައެއް ނުވެއެވެ. ނަމަވެސް ސާފް ޗެމްޕިޔަންޝިޕްގެ 3 ވަނަ މަޤާމް ޕާކިސްތާނުން ވަނީ ހޯދާފައެވެ. ޕާކިސްތާންގެ ޤައުމީ ޓީމަށް ލިބުނު އެންމެ މަތީ ކާމިޔާބެއް ލިބިފައިވަނީ 1962 ވަނަ އަހަރު މެލޭޝިޔާގައި އޮތް މެރޑެކާ ކަޕް ގެ ފައިނަލަށް ދަތުރު ކުރުމެވެ. މިމުބާރާތުގައި ޕާކިސްތާން ހިމެނުނު ޤްރޫޕުން 1 ވަނަ ހޯދީ ޖަޕާން މެލޭޝިޔާ ފަދަ ޤައުމުތައް ފަހަތަށް ޖައްސާލުމަށްފަހު އެވެ. ފައިނަލްގައި އިންޑޮނޭޝިޔާ އާއި ބައްދަލުކޮށް ޕާކިސްތާން ބަލިވީ 2 ލަނޑު 1 ލަނޑުންނެވެ.
މީގެ އިތުރަށް އިންޑިޔާގައި ބާއްވާ ޖަވާހިރުލާލް ނެހުރޫ ފުޓްބޯޅަ މުބާރާތް ފަދައިން ޕާކިސްތާންގައި ބޭއްވި ޤާއިދިއަޒަމް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި 2 ފަހަރެއްގައި ވާދަކޮށްފައިވެއެވެ. މިސަރަޙައްދުގެ ފުޓްބޯޅަ ކުރިމަތިލުން ތަކަށްބަލާއިރު ސާފްގޭމްސްގައި ޕާކިސްތާން ނަތީޖާތަކެއް ވަނީ ޚާޞިލްކޮށްފައެވެ. މިގޮތުން 1989 ވަނަ އަހަރު ބަންގްލަދޭޝް 1 ލަނޑު 0 ލަނޑުން ބަލިކޮށް ސާފްގޭމްސް ފުޓްބޯޅައިގެ ރަންމެޑެލް ހޯދިއެވެ.
އަދި ދިވެހިރާއްޖޭ ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ފުޓްބޯޅަ މުބާރާތެއްގެ ފައިނަލްގައި ކުޅުނު 1991 ވަނަ އަހަރުގެ ސާފްގޭމްސްގެ ފައިނަލްގައި ދިވެހިރާއްޖެ 2 ލަނޑު 0 ލަނޑުން ބަލިކުރީ ވެސް ޕާކިސްތާނެވެ. ސާފް ޗެމްޕިޔަންޝިޕްގައި ކާމިޔާބެއް ލިބިފައިވަނީ 1997 ވަނައަހަރުގެ މުބާރާތުން 3 ވަނައަށް ދިޔުމެވެ.
ސާފް ޗެމްޕިޔަންޝިޕް 2011
2000 ގެ އަހަރުތަކަށް އައިއިރު ސަރަޙައްދީ ފެންވަރުގެ ފުޓްބޯޅައިގާ ފެންވަރު ދަށަށްދާކަމަށް ޤަބޫލުކުރެވޭ ޕާކިސްތާން މިއަހަރުގެ ސާފް ޗެމްޕިޔަންޝިޕްގައި ހިމެނިފައިވަނީ ދިވެހިރާއްޖެ، ބަންގްލަދޭޝް އަދި ނޭޕާލް އާއި އެއްޤްރޫޕެއްގައެވެ.
މިޓީމް މިއަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެޅިފިޔަވަޅު ތަކުގެ ތެރޭގައި ސާރބިޔާގެ ކޯޗެއް ކަމުގައިވާ ޒަވިސާ މިލޮސަވްޖެވިކް ވަނީ ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައެވެ. މިހިނގާ 2011 ވަނަ އަހަރު ޕާކިސްތާންގެ ޓީމް އޭ.އެފް.ސީ ޗެލެންޖް ކަޕް ގައި މާރޗްމަހު ކުޅުނު މެޗްތަކަށް ފަހު ޖޫން މަހުގެ ތެރޭގައި ވޯލްޑް ކަޕް ކޮލިފައި 2 މެޗް ބަންގްލަދޭޝް އާއި އެކު ވަނީ ކުޅެފައެވެ. ފުރަތަމަ މެޗް ބަންގްލަދޭޝް 3 ލަނޑު 0 ލަނޑުން މޮޅުވެ ދެވަނަ މެޗް ނިމުނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެނެވެ. މިނަތީޖާ ތަކަށް ފަހު ޓީމް އެކުލަވާލެވިފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.
އަދި ލާހޯރުގައި ފަރިތަކުރުންތައް ކުރިއަށް ދާއިރު މިޓީމަށް މިމުބާރާތުގައި ދިމާވާނޭ އެންމެ ބޮޑު މައްސަލައަކީ ތައްޔާރު ވުމުގެ ގޮތުން އެކަށީގެންވާ ރަނގަޅު މެޗްތަކެއް ކުޅެލަން ނުލިބުމެވެ. ސާފްޗެމްޕިޔަންޝިޕް 2011 ގައި ޕާކިސްތާންގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 2 ވަނަ ދުވަހު ބަންގްލަދޭޝް އާއި އެކު އެވެ. އަދި ޑިސެމްބަރ 4 ވަނަ ދުވަހު އަޅުގަނޑުމެންގެ ދިވެހިރާއްޖެ އާއި އެކު ކުޅޭއިރު ޑިސެމްބަރު 6 ވަނަ ދުވަހު ބައްދަކުރާނީ ނޭޕާލް އާއި އެކުއެވެ.
ޓީމްގެ ކޯޗް
ޕާކިސްތާންގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކޯޗްކޮށްދިނުމަށް ކަނޑައަޅާފައިވަނީ ސާރބިޔާގެ ކޯޗެއް ކަމުގައިވާ ޒަވިސާ މިލޮސަވްޖެވިކް އެވެ. މީނާ 2 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ދާދިފަހުން ސޮއިކުރުމުގެ ކުރިން ހުރީ ލެސޯތޯގެ ޤައުމީ ކޯޗްކަމުގައެވެ. އަދި އޭނާގެ ޤައުމުގެ 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އަދި 23 އަހަރުން ދަށުގެ ޤައުމީޓީމަށް ކޯޗްކޮށްދީފައިވެއެވެ.
ޓީމްގެ މަޝްޙޫރު ކުޅުންތެރިން
ޓީމްގެ އެންމެ މުހިންމު ކުޅުންތެރިންނަށް ބަލާލާއިރު ޓީމްގެ ދިފާޢުގައި ހުންނާނެކަމަށް ބެލެވޭ ތައިލެންޑްގެ މުއަންގް ތޮންގް ޔުނައިޓަޑްއަށް ކުޅެމުންދާ ޒޭޝް ރަޙްމާން އަކީ އިނގިރޭސިވިލާތުގެ ފުލްހަމް އާއި އެހެނިހެން ކުލަބުތަކަށް ކުޅުމުގެ ސަބަބުން ފުރަތަމަ ފަންތީގެ ފުޓްބޯޅައިގެ ތަޖުރިބާ ލިބިފައިވާނޭ ކުޅުންތެރިއެކެވެ. މީގެ އިތުރަށް އިނގިރޭސި ކުލަބެއް ކަމަށްވާ ބްރަޑްފޯރޑް ޕާރކް އެވެނިޔުއަށް ކުޅޭ އަދްނާން އަޙްމަދު އާއި ވޭލްސްގެ ބެރީ ޓައުން އަށްކުޅޭ އާތިފް ބަޝީރް އަކީ ޕާކިސްތާން ޓީމްގެ ދިފާޢީ މެދުތެރެ ބަލަހައްޓާނޭ ކުޅުންތެރިންނެވެ. އަދި ސްވިޑްންގެ ސްވެބޯލް އަށް ކުޅޭ ހަސަން ބަޝީރް އަކީ މެދުތެރެއިން ހަލުވި ކުޅުމެއް ކުޅޭ ކުޅުންތެރިއެކެވެ.
ކުޅުމުގެ ސްޓައިލް އާއި ލަފާކުރާ ނަތީޖާ
ޓީމްގެ ގިނަކުޅުންތެރިންނަކީ އެހެނިހެން ޤައުމުތަކުގައި ވަޒަންވެރިވެފައިވާ ކުޅުންތެރިންނަށްވާތީ، މިކުޅުންތެރިން އެއްކޮށްލައިގެން ފުރިހަމަ ޓީމެއް ނެރުމަކީ ކޯޗަށް ފަސޭހަކަމަކަށް ނުވާނެއެވެ. ނަމަވެސް ޕާކިސްތާންޓީމަކީ އިސްކޮޅުން ބިޔަ ވަރުގަދަ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމަކަށްވުމުން މިޓީމްގެ ކުޅުންތެރިންގެ ގަދަފަދަކަން ދައްކައިގެން މުބާރާތުގެ ސެމީ ފައިނަލްއަށް ދަތުރުކުރެވޭ ވަރުގެ ފަންވަރު މިޓީމްގައި އެބަހުއްޓެވެ.
ޕާކިސްތާންގައި ގިނައިން ހިމެނެނީ އިނގިރޭސި ވިލާތުގެ އާދައިގެ ލީގްތަކުގައި ކުޅޭ ކުޅުންތެރިންކަމަށްވުމުން، މިކުޅުންތެރިންގެ ކުޅުން ބޮޑަށް ބިނާވެފައިވާނީ ދިގު ޕާސްތަކާއި އުސް ހުރަސްތަކަށް ކަމަށް ބެލެވެއެވެ. އަދި މިޓީމް ޢާއްމުކޮށް ކުޅޭނޭ ފޯމޭޝަން އެއްކަމަށް ބެލެވެނީ ފަހަތުގައި 4 ދިފާޢީ ކުޅުންތެރިން ތިބެފައި 5 މިޑްފީލްޑަރުންނާއި ކުރިއަށް 1 ފޯވަރޑް ބަހައްޓައިގެންނެވެ.
މުބާރާތުގެ ގްރޫޕް މަރުޚަލާގައި މިޓީމް ކުޅޭނޭ އެންމެ ފޯރިގަދަ މެޗަކަށް ވެގެންދާނީ ކުރީގައި މިޤައުމުގެ އެއްބައި ކަމަށްވާ ބަންގްލާދޭޝް އާއި އެކު ދިއްލީގައި ކުޅޭ މުބާރާތުގެ ފުރަތަމަ މެޗެވެ. މިމެޗްގެ ނަތީޖާ އަކީ ޕާކިސްތާންޓީމް މިމުބާރާތުގައި އިތުރަށް ކުރިއަށް ދާނޭކަމުގެ ޔަޤީންކަން ހޯދޭނޭ މެޗެވެ.