އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ނޭޕާލްގައި ފެށުމަށް ހަމަޖެހިފައިވާ އޭސީސީ ޓުވެންޓީ ޓުވެންޓީ ކަޕްގައި ބައިވެރިވާ ރާއްޖޭގެ ޤައުމީޓީމު އިއުލާން ކޮށްފި އެވެ.

މިކަމަށްޓަކައި ރޭ ރާބާ ރެސްޓޯރެންޓުގައި ބޭއްވުނު ހަފްލާއެއްގައި ޓީމު އިއުލާންކޮށް ދިވެހި ޤައުމީޓީމުގެ ކުޅުންތެރިއެއްކަން އަންގައިދޭ ލިޔުން ކުޅުންތެރިންނާ ހަވާލުކޮށްދެއްވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް އަޙުމަދު ހަސަން ދީދީ އެވެ.

ލިޔުން ހަވާލުކޮށްދެއްވުމަށް ފަހު ޓީމަށް ހިތްވަރުދެއްވާ ދީދީ ވާހަކަދެއްކެވި އެވެ. އޭނާގެ ވާހަކައިގައި ރާއްޖޭގެ ކްރިކެޓް ޓީމުތަކުން މީގެ ކުރިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ގަދައަޅާ މަސައްކަތް ކޮށްފިނަމަ މިފަދަ އިތުރު ކާމިޔާބީތައް ކުރިއަށް އޮތްތާގައި ވެސް ހޯދޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިރުން ރޭގެ ހަފްލާގައި ކްރިކެޓް ބޯޑުގެ ބޯނަށް ސްކީމް ތައާރަފް ކުރުން ވެސް އޮތެވެ. މި ސްކީމަކީ ކުޅުންތެރިންނަށް ހިތްވަރުދިނުމަށާއި ކްރިކެޓްގެ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި މޮޅުކުޅުމެއް ދައްކާ ކުޅުންތެރިންނަށް ފައިސާގެ ބޯނަހެއް ދިނުމުގެ ގޮތުން ކްރިކެޓް ބޯޑުން ފެއްޓި ސްކީމެކެވެ. މި ސްކީމްގެ ދަށުން މުޅި ޓީމު ހޯދާ ކާމިޔާބީ ތަކަށާއި ވަކިވަކި ކުޅުންތެރިން ހޯދާ ކާމިޔާބީތަކަށް ވެސް ފައިސާގެ ބޯނަސް ދިނުމަށް ހަމަޖެހިފައިވެ އެވެ. މިގޮތުން ޗެމްޕިއަންކަން ހޯދައިފި ނަމަ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 7،500 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ސެމީފައިނަލަށް ދެވިއްޖެ ނަމަ ކޮންމެ ކުޅުންތެރިއަކަށް 2،500 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވެ އެވެ. އަދި، މުބާރުތުގައި މޮޅުވާ ކޮންމެ މެޗަކަށް މުޅީޓީމަށް 7،000ރުފިޔާ ދިނުމަށްވެސް ކަނޑައަޅާފައިވެ އެވެ. ވަކިވަކި ކުޅުންތެރިންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ ތެރޭގަ މެޗެއްގައި ފަސްވިކެޓް ނަގާ ކުޅުންތެރިއަކަށް 5،000 ރުފިޔާ، 50 ލަނޑު ހަދާ ކުޅުންތެރިއަކަށް 2،500 ރުފިޔާ އަދި 100 ލަނޑު ހަދާ ކުޅުންތެރިއަކަށް 5،000 ރުފިޔާ ބޯނަސްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވެއެވެ.

ޤައުމީ ޓީމު އިއުލާން ކުރުމަށް ބޭއްވި ހަފްލާގައި ޤައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މޫސާ ކަލީމް ވެސް ވާހަކަދެއްކެވި އެވެ. އޭނާގެ ވާހަކައިގައި މިފަހަރު ނެގިފައިވާ ޓީމަކީ މިހާތަނަށް ރާއްޖެ އިން ނެގުނު އެންމެ ރަނގަޅު އެއް ކްރިކެޓް ޓީމުކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި، މި ޓީމަކީ ރަނގަޅު ކާމިޔާބެއް ހޯދޭފެންވަރު ހުރި ޓީމެއްކަމަށް މޫސަ ވިދާޅުވި އެވެ. މިހަފްލާގައި ޓީމުގެ ކޯޗް ޕާކިސްތާންގެ ބަޒީގް ޒަކާ އާއި ޓީމަށް އަލަށް އެރި ޒުވާން ކުޅުންތެރިޔާ ޝަޔާލް ހަމީދުވެސް ވާހަކަ ދެއްކި އެވެ.
އޭސީސީ ޓުވެންޓީ ޓުވެންޓީ ކަޕަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީން ހޯދުމަށް ޤައުމީ ޓީމު މަދަމާ ޝްރީލަންކާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭސީސީ ޓުވެންޓި ޓުވެންޓީ ކަޕަށް ދާ ރާއްޖޭގެ ޤައުމީ ޓީމު
1. މޫސާ ކަލީމް ( ކެޕްޓަން)
2. އަހުމަދު އަފްޒަލް ފާއިޒު (ވ. ކެޕްޓަން)
3. އަބްދުﷲ ޝާހިދު
4. މުޙަންމަދު މަހަފޫޒް
5. އަހްމަދު ނީޝާމް ނާސިރު
6. އަޙްމަދު އުމަރު ޖަމާލު
7. އިބްރާހިމް ހުޝާމް
8. ޖިލްވާޒް ރަޝީދު
9. ހަސަން ހާޒިގް ރަޝީދު
10. އިޝާން
11. އިސްމާއިލް ޝަޔާލް ހަމީދު
12. މިހުސާން ހާމިދު
13. ހަސަން އިބްރާހިމް
14. ޝަފްރާޒް ޖަލީލް
ކޯޗް: މުޙަންމަދު ބަޒީޤް ޒަކާ
މެނޭޖަރ: އިމާދު އިސްމާއިލް

މުބާރާތުގައި ރާއްޖޭގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ ދުވަސްތައް
4ޑިސެމްބަރު: ރާއްޖެ އާއި ބޫޓާން
5 ޑިސެމްބަރު: ރާއްޖެ އާއި މެލޭޝިޔާ
7 ޑިސެމްބަރު: ރާއްޖެ އާއި އަފްޣާނިސްތާން
8 ޑިސެމްބަރު: ރާއްޖެ އާއި އޯމާން