28 Nov 2019, 12:47
ކުރީގެ ރައީސް އަބްދުﷲ ޔާމީީންގެ މައްސަލަ ލަސްކޮށް ދިނުމަށް ކުރިމިނަލް ކޯޓްގައި އެދުނު ނަމަވެސް، އެ މައްސަލަ ބަލާ ބެންޗާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްފައިވާތީ ހުކުމް ކުރުން ލަސްކޮށް ނުދޭން ކުރިމިނަލް ކޯޓުން ނިންމައިިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ، މަނީ ލޯންޑުރިންގެ ދައުވާގެ މައްސަލައިގައި ހުކުމް ކުރުން މިއަދު މެންދުރު 1:30 އަށް ތާވަލްކޮށްފައި ވަނިކޮށް ޔާމީންގެ ވަކީލުން ވަނީ ސުޕްރީމް ކޯޓަށް ވައްދާފައިވާ ކުރިމިނަލް ކޯޓްގެ ބެންޗުގެ މައްސަލަ ބަލާ ނިމެންދެން ހުކުމް ކުރުމުގެ މަޖިލިސް މަޑުޖައްސާލަ ދިނުމަށް އެދިފަ އެވެ.
ރައީސް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، އެ މައްސަލައަކީ ސުޕްރީމް ކޯޓަށް ގާނޫނީ ހައްލެއް ހޯދައިދެވޭނެ މައްސަލައެއް ނޫން ކަމަށް ބުނެ އެ މައްސަލަ އެ ކޯޓުން ބަލައިނުގަންނަން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން، ކުރިމިނަލް ކޯޓްގައި މިއަދު ތާވަލްކޮށްފައި އޮތް ހުކުމް ކުރުމުގެ މަޖިލިސް ލަސްކުރަން ޖެހޭ ސަބަބެއް ނެތްކަން ކުރިމިނަލް ކޯޓުން މިހާރު ލޯޔަރުންނަށް އަންގާފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ އަލީ ރަޝީދާ ގުޅޭ މައްސަލައެކެވެ. ޔާމީންގެ ވަކީލުން ވިދާޅުވާ ގޮތުގައި، ގާޒީ އަލީ ރަޝީދު ވަނީ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް މީޑިއާއަށް މައުލޫމާތު ދީފަ އެވެ. އެހެންކަމުން، އޭނާއަށް ބެންޗުގައި ނުހުރެވޭނެ ކަމަށް ވަކީލުން ވިދާޅުވެ އެވެ.
ރައީސް ޔާމީންގެ މައްސަލަ ބަލަން އެކުލަވާލި ބެންޗުގައި ގާޒީ އަލީ ރަޝީދުގެ އިތުރުން ދެން ހިމެނެނީ، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލުން ވަނީ އަލީ ރަޝީދު ބެންޗުން ތަނާޒުލްވުމަށް އެދިފަ އެވެ. އެހެން ނަމަވެސް، އެކަމާ މެދު ފަނޑިޔާރުންގެ ބެންޗުގައި މަޝްވަރާ ކުރުމަށް ފަހު ނިންމީ، ގާޒީ އަލީ ރަޝީދު ތަނާޒުލުވާން ނުޖެހޭ ކަމަށެވެ.
މިއަދު ޑރ. ޖަމީލު ވިދާޅުވީ އަމިއްލައަށް ބެންޗު އެކުލަވާލައި ބެންޗުގައި އަމިއްލައަށް ހިމެނި އޭނާއާ ދެކޮޅަށް ޖެއްސި މައްސަލައިގައި ހަމަ އެ ބެންޗުން ގޮސް ނިންމުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެެ.
ގާޒީ އަލީ ރަޝީދު މީޑިއާއާ ވާހަކަ ދެއްކެވީ ގާޒީ ހައިލަމް ނެރުއްވި ބަޔާނެއްގައި އޮތް އެއްޗަކާ ބެހޭގޮތުން ސުވާލު ކުރުމުންނެވެ. ހައިލަމް ވިދާޅުވީ، ހައިލަމްއަށް ނުފޫޒު ފޯރުވި ވަރު ގާޒީ އަލީ ރަޝީދަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެކަން "ރާއްޖެޓީވީ"އާ ވާހަކަދައްކަވަމުން އަލީ ރަޝީދު ދޮގު ކުރެއްވި އެވެ.