ކޮލަމްބޯ (ނޮވެމްބަރު 28): ސްރީލަންކާގައި ހުންނަ ސުވިޒަލޭންޑުގެ އެމްބަސީގެ މުވައްޒަފަކު ހިފަހައްޓައި، އޭނާއަށް ބިރު ދައްކައިފި ކަމަށް ލަންކާގެ މީޑިއާތަކާއި ސުވިޒަލޭންޑުން ބުނެފި އެވެ.

ސުވިޒަލޭންޑުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި މިދިޔަ ހޯމަ ދުވަހު ކޮލަމްބޯގެ މަގެއްމަތީގައި ބަޔަކު ވަނީ އެގައުމުގެ އެމްބަސީގެ މުވައްޒަފަކު ދެ ގަޑި އިރުވަންދެން ހިފަހައްޓައި އެމްބަސީއާ ގުޅުން ހުރި މައުލޫމާތު ހޯދަން މަސައްކަތްކޮށްފަ އެވެ. އަދި އެ މައްސަލަ ރިޕޯޓުކޮށްފި ނަމަ އެމީހާ މަރާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ލަންކާގެ ނޫހެއްގައިވާ ގޮތުން އެއީ ލަންކާ އަންހެނެކެވެ. އަދި އެމީހާ ކައިރިން އަހާފައި ވަނީ ސުވިޒަލޭންޑުގެ ހިމާޔަތަށް އެދިފައިވާ ލަންކާ ފުލުހެއް ކަމަށްވާ ނިޝާންތަ ޑި ސިލްވާގެ މައުލޫމާތެވެ.

ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ސީއައިޑީ)ގެ ޗީފް އިންސްޕެކްޓަރެއް ކަމަށްވާ ޑި ސިލްވާ ވަނީ މިދިޔަ ހަފްތާގައި ވެރިކަމަށް ވަޑައިގެންނެވި ގޯޓާބަޔަ ރާޖަޕަކްސަ އާއި އެ ސަރުކާރުގެ އިސްކޮށް ތިއްބަވާ އެހެން ބައެއް ބޭފުޅުންނާ ގުޅުން ހުރި ޖިނާއީ މައްސަލަތައް ތަހުގީގުކޮށްފަ އެވެ. އަދި އާ ސަރުކާރު އިންތިހާބުވުމާ އެކު އޭނާއަށް އިންޒާރުތައް ލިބިފައިވާ ކަމަށާއި އޭގެ ސަބަބުން މިދިޔަ އާދިއްތަ ދުވަހު އޭނާ އާއިލާއާ އެކު ސުވިޒަލޭންޑަށް ފުރާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ސުވިޒަލޭންޑުގެ ފޮރިން މިނިސްޓްރީން ވަނީ އެއީ "ވަރަށް ސީރިއަސް ހަމަލާއެއް" ކަމަށް ސިފަކޮށް އެމައްސަލަ ވަގުތުން ތަހުގީގު ކުރަން އެދިފަ އެވެ. އަދި ލަންކާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާސް އިން ވަނީ ސީއައިޑީ އާއި ފުލުހުން މިހާރު އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ބުނެފަ އެވެ.

ލަންކާގެ ރައީސް ގޯޓާބަޔަ ވަނީ ބޭބޭފުޅު އަދި މިހާރުގެ ބޮޑުވަޒީރު މަހިންދަގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ ސެކްރެޓަރީކަން ކުރައްވައިފަ އެވެ. އަދި އެ ދެ ބޭފުޅުން ވަނީ ލަންކާގެ 26 އަހަރުވީ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ.

ނަމަވެސް އެ ދެބޭފުޅުންގެ މައްޗަށް ވަނީ ކޮރަޕްޝަނާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ތުހުމަތުތައް ކޮށްފަ އެވެ. އަދި ދެ ބޭފުޅުން ވެސް ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.