28 Nov 2019, 08:45
ބާލިން (ނޮވެމްބަރު 28): މީގެ 37 އަހަރު ކުރިން މަރުގެ މައްސަލައެއް ސާބިތުވި މީހެއްގެ މައުލޫމާތު އޮންލައިން ސާޗް ރިޒަލްޓްސްއިން ނެގުމުގެ ހައްގު އެމީހާއަށް ލިބިގެންވާ ކަމަށް ޖަރުމަންވިލާތުގެ އެންމެ މަތީ ކޯޓުން ނިންމައިފި އެވެ.
ޖަރުމަނުގެ ފެޑެރަލް ކޮންސްޓިޓިއުޝަނަލް ކޯޓުން ތާއިދުކޮށްފައި ވަނީ 1982 ވަނަ އަހަރު ޔޮޓެއް މަތީ ދެ މީހަކު މަރާލުމުން ޖަލަށްލީ މީހަކު ހުށަހެޅި މައްސަލައަކަށެވެ. އެމީހާ ވަނީ 2002 ވަނަ އަހަރު ޖަލުން ދޫކޮށްލާފަ އެވެ.
އެ މަރުގެ މައްސަލަ އާއި އެމީހާއާ ބެހޭ ގޮތުން ޖަރުމަނުގެ ނޫހަކުން 1982 އާއި 1983އާ ދެމެދު ލިޔުނު ރިޕޯޓުތަކެއް މިހާރުވެސް އޮންލައިންކޮށް ސާޗް ކުރުމުން ފެންނަން ހުރެ އެވެ. އެހެންކަމުން، އެ ކުށުން އެމީހާގެ އާއިލީ ނަން ދުރު ކުރަން ބޭނުންވާ ކަމަށް ބުނެ، އެ މީހާގެ ނަން ސާޗް ރިޒަލްޓްސް އިން ނުފެންނަ ގޮތް ހެދުމަށް އެދި މައްސަލަ ފެޑެރަލް ކޯޓަކަށް ފުރަތަމަ ހުށަހެޅީ 2009 ވަނަ އަހަރެވެ.
ނަމަވެސް އޭރު ކޯޓުން ނިންމީ ނޫސްވެރިކަމުގެ މިނިވަންކަމާއި ރައްޔިތުންނަށް އެކުށާ ބެހޭ މައުލޫމަތު ލިބުމުގެ ހައްގަށް ވުރެ އެ މީހާގެ "ޕްރައިވެސީއަށް އޮންނަ ހައްގު" އިސް ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ދުސްތޫރީ ކޯޓުން އެނިންމުން ބާތިލު ކުރުމުން، އަނެއްކާވެސް އެމައްސަލަ ފެޑެރަލް ކޯޓުގައި ބަލާނެ އެވެ.
ދުސްތޫރީ ކޯޓުން ވަނީ އެފަދައިން ނިންމި މައިގަނޑު ސަބަބަކީ އެ މީހާ ކުށް ކުރި ފަހުން ދިގު މުއްދަތެއްވެފައިވާތީ ކަމަށް ބުނެފަ އެވެ.
ނަމަވެސް ކޯޓުން ނިންމާ އެފަދަ ނިންމުންތަކުގެ ސަބަބުން އޮންލައިން ނޫސްތަކުގެ އާކައިވްތައް ސާޗް އިންޖީންތަކުން ނުފެންނަ ގޮތް ހަދަން ޖެހިދާނެ އެވެ.