އިންޑިއާގެ ކާމިޔާބު ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ބައޮގްރަފިކަލް ޑްރާމާގެ މަންޒަރުތައް ޝޫޓްކުރަމުން ދަނިކޮށް އަނިޔާވި ފިލްމުގެ ލީޑު ތަރި ޕަރިނީތީ ޗޯޕްރާ ފިޒިއޮތެރަޕީ ހެދުމަށްފަހު އަލުން ޝޫޓިންތައް ފަށައިފިއެވެ.

ކަރަށް އަނިޔާވުމުގެ ސަބަބުން ޝޫޓިންނާ ވަގުތީ ގޮތުން ދުރަށް ދާންޖެހުނު ޕަރިނީތީ އަށް ޑަކްޓަރު ވަނީ 10 ދުވަސްވަންދެން އަރާމްކުރުމަށް ބުނެފައެވެ. އަދި ގަވައިދުން ފިޒިއޯ ހެދުމަށްފަހު ނޫނީ މަސައްކަތް ނުކުރުމަށް ޑަކްޓަރު އެދިފައިވެއެވެ. އަދި ހަފްތާ އެއް ވަންދެން ބެޑްމިންޓަން ނުކުޅުމަށްވެސް ޑަކްޓަރު ޕަރިނީތީ އަށް އެންގިއެވެ.

ފިލްމުގެ ދެން އިން މަންޒަރުގައި ޕަރިނީތީ އަށް ގަޑިއިރު ވަންދެން ބެޑްމިންޓަން ކުޅެންޖެހެއެވެ. އޭނާ ބުނީ ފިލްމަށް ވަރަށް ބޮޑަށް ލުކް ފޯވާޑް ކުރާ ކަމަށާއި މިހާރު އޭނާ މުޅިން ރިކަވާ ވެއްޖެކަމަށެވެ.

އަމޯލް ގުޕްތޭ ޑައިރެކްޓްކުރާ އެ ފިލްމު ސިނަމާތަކަށް އަންނަނީ އަންނަ އަހަރުތެރޭކަމަށް ހަބަރުތައް ބުނެ އެވެ.