28 Nov 2019, 07:09
މީގެ ފަސް އަހަރު ކުރިން އިޝްތިހާރު ކުރި ތަދު ފިލުވާ ތެލަކުން ނަތީޖާއެއް ނުފެންނަ ކަމަށް ބުނެ އެ ތެލުގެ ބްރޭންޑްއެމްބެސެޑަރުންގެ ގޮތުގައި ހަރަކާތްތެރިވި، ޖެކީ ޝްރޮފް އާއި ގޯވިންދާ ޖޫރިމަނާކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ، އުއްތަރަ ޕްރަދޭޝްގެ މުޒައްފަރުނަގަރުގެ ކޮންޒިއުމާ ކޯޓަކުން ޖެކީ އާއި ގޯވިންދާ ޖޫރިމަނާކުރީ 20،000 ރުޕީސްއިންނެވެ. އެދެތަރިން ޖޫރިމަނާކުރުމުގެ އިތުރުން އިޝްތިހާރުކުރި ތެޔޮ އުފެއްދި ކުންފުނި ވެސް ވަނީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ އިތުރުން، ދައުވާ ކުރި ފަރާތުން އޭނާ ތެޔޮ ފުޅި ގަތުމަށް ހަރަދުކުރި 3،600 ރުޕީސް އަހަރަކު ނުވަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓަކާ އެކު އަނބުރާ ދެއްކުމަށް ވެސް ހުކުމްކޮށްފައިވެ އެވެ. އަދި އެ ފަރާތުން، ލޯޔަރު ފީއަށް ހަރަދު ކުރި ފައިސާވެސް ދޭން ޖެހޭނެ ކަމަށް ކޯޓުން ހުކުމްކޮށްފައިވެ އެވެ.
މުވައްޒަފަރުނަގަރްގެ ވަކީލެއް އެ ދައުވާ އުފުލީ، އެ ތެޔޮ އުގުޅާތާ 15 ދުވަހުގެ ތެރޭގައި ތަދު ފަސޭހަ ނުވެއްޖެ ނަމަ، ރިފަންޑު ދޭނެ ކަމަށް އިޝްތިހާރުކޮށްފައިވީ ނަމަވެސް، އެ މުއްދަތުގައި ތަދު ރަނގަޅުނުވެގެން ޝަކުވާ ކުރުމުން އެ ކުންފުނިން ރިފަންޑް ދޭން އެއްބަސްވެ އެ ފައިސާ ދީފައި ނުވާތީ އެވެ.
އެ ތެޔޮ އިސްތިހާރުކުރީ ބޭނުންކުރާތާ 15 ދުވަސް ފަހުން ތަދު ރަނގަޅު ނުވެއްޖެ ނަމަ، ފައިސާ އަނބުރާ ލިބޭނެ ކަމަށް ބުނެ އެވެ.