24 Nov 2011, 11:34
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގިނަ ރަށްތަކެއްގައި ފެންބޮޑުވެ ތަކެއްޗަށް ގެއްލުން ލިބެމުންދާ ކަމަށް ރަށްރަށުން ބުނެފި އެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދު ރާއްޖެތެރެ އަށާއި ދެކުނުގެ އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އާދަޔާ ހިލާފަށް ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަދެ ހިފައި ގެންގުޅޭ ސާމާނަށް ގެއްލުންތައް ލިބެމުންދާ ކަމާށް ކައުންސިލްތަކުގެ އިދާރާތަކުން ބުނެފި އެވެ.
ގދ. ގައްދޫ ރަށު ކައުންސިލުން ބުނީ އެ ރަށަށް ރެއިން ފެށިގެން ބޯކޮށް ވެހެމުން ދިޔަ ވާރޭ ހުއްޓާލީ ރޭ ފަތިހު ކަމަށާއި އެ ރަށުގެ ގިނަ އަދަދެއްގެ ގެއަށް ފެންވަދެ ބައެއްގޭގައި ދެ ފޫޓާއި ތިން ފޫޓަށް ފެން ބޮޑުވެފައިވާ ކަމުގައި ކައުންސިލްގެ އިދާރާއިން ވަނީ ބުނެފަ އެވެ. އަދި ބައެއްގޭގޭގެ ހިފައިގެން ގުޅޭ ސާމާނައި ފަރުނީޗަރު ފަދަ ތަކެތި ވަނީ ހަލާކުވެފަ އެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ރަށުގެ ބޮޑުވެފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް އެމް އެން ޑިއެފުން މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
މ. މަޑުއްވަރީ ކައުންސިލްގެ މެންބަރު އިބްރާހިމް ހަސަން ރަމީޒް ވިދާޅުވީ ރޭ އެ ރަށަށް ބޯކޮށް ވާރެވެހުމުގެ ސަބަބުން 10 ވަރަކަށް ގެއަށް ފެންވަދެ އެގޭގެ އައިސްއަލަމާރި ފަދަ ތަކެތީގެ އިތުރަށް ބައެއްސާމަނު ހަލާކުވެފައިވާ ކަމަށެވެ.
"ރޭގެ ދަންވަރު ވެސް އަޅުގަނޑުމެން އުޅުނީ ގޭގެއިން ފެންހިއްކުމުގެ މަސައްކަތުގައި. ބައެއް ގޭގެއަށް ފެންވަދެ ގާތްގަނޑަކަށް ދެ ފޫޓަށް ފެންބޮޑުވި،" އިބްރާހިމް ވިދާޅުވި އެވެ.
މީގެއިތުރަށް ވެސް އިއްޔެ އާއި މިއަދު ކުރި ވިއްސާރާގައި ފެންބޮޑުވެފައިވާ ބައެއް ރަށްތަކަކީ ގދ. ތިނަދޫ އާއި ގދ. ނަޑެއްލާ އާއި ގއ. ކަނޑުހުޅުދޫ އާއި މ. އަތޮޅު މުލަކާއި، މުލި އަދި ކޮޅުފުއްޓެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނީ މެދުރާއްޖެ އާއި ދެކުނުގެ އަތޮޅުތަކަށް މިހާރުކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ޓްރަފްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ.
އަދި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ ސަރަހައްދުގައި ބޯވިއްސާރަ ވިލާ އުފެދި ވިއްސާރަ ވެހޭނެ ކަމަށް ވަނީ އެ އިދާރާ އިން ބުނެފަ އެވެ.
އަދި އެ އިދާރާ އިން ބުނީ ބޯކޮށްވާރެވެހި ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފަކުރެވޭތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްއެންޑިއެފުން ބުނެފައި ވަނީ މ. އަތޮޅުގެ ފެން ބޮޑުވެފައިވާ ރަށްތަކުން ފެން ހިއްކުމަށްޓަކައި އެމްއެންޑީއެފް ސެންޓްރަލް އޭރިޔާއިން ކޯސްޓްގާޑް ލޯންޗެއްގައި ފެން ހިއްކާ ސާމާނު ހިފައިގެން ޓީމްތައް އެ ރަށްރަށަށް ގޮސް ފެން ހިއްކުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.