19 Jun 2010, 14:44
19:00
މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުން ހަވާލުކުރާނެ ބަޔަކު މި މަހުގެ 25 ގައި ކަނޑައެޅޭނެ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރ މަހްމޫދު ރާޒީ ވިދާޅުވެއްޖެ އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އަމިއްލަ ފަރާތަކަށް ދިނުމަށް ކުރިއަށްގެންދާ މަޝްރޫއާ ބެހޭ މައުލޫމާތު ދެއްވަމުން މަހްމޫދު ރާޒީ ވިދާޅުވީ، މާލޭ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ހަ ފަރާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދީފައިވާ ކަމަށާއި، ބައެއް ފަރާތްތައް ގުޅިގެންނާ އެކު، އޭގެ ތެރެއިން ތިން ކުންފުންޏަކުން އެކަމަށް ކުރިމަތިލުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެ ފަރާތްތަކުގެ ހުށަހެޅުންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
ރާޒީ އަދި ވިދާޅުވީ، މާލޭ އިންޓަނެޝަނަލް އެއާޕޯޓް ޕްރައިވެޓައިޒް ކުރާއިރު އެތަނުގައި ހިންގާ އެހެން ވިޔަފާރިތަކާއި މުވައްޒަފުންނާ ދޭތެރޭ ސަރުކާރުން ވިސްނާނެ ކަމަށެވެ. އަދި އެއާޕޯޓް ބޭރުގެ ފަރާތަކަށް ދޫކުރި ނަމަވެސް ކުންފުނީގެ އިސް ދެތިން މަގާމަށް ފިޔަވައި ކުންފުނީގެ ވަޒީފާތަކަށް ބޭރުމީހުން ގެނައުމަށް ވަކި ކޯޓާއެއް ދޫކޮށްފައި ނުވާނެ ކަމަށް ވެސް މަހްމޫރު ރާޒީ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި، އެއާޕޯޓްގައި މިހާރުތ ިބި މުވައްޒިފުންނަށް އެ މަގާމުތަކުގައި ތިބެވޭނެ ކަމަށާއި، އެއާޕޯޓާ ހަވާލުވާ ފަރާތްތަކުން މުވައްޒިފުނާއެކު އެގްރީމެންޓް ހަދަން ފަށާނީ އޭގެ ފަހުން ކަމަށް ވެސް ރާޒީ ވިދާޅުވި އެވެ.