ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ޖަލު ހުކުމެއް އައިސް ކުޑަ ދުވަސް ކޮޅަކަށް ނަމަވެސް އެމަނިކުފާނު ދުރަށް ވަޑައިގަންނަވަން ޖެހިދާނެ ވާހަކަ އަޑުއަހާލަން ފަސޭހަ ނޫންކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް މާދަމާ ކުރުމަށް ހަމަޖެހިފައިވާއިރު، މިރޭ އެމަނިކުފާނު ވަނީ ސަޕޯޓަރުންނާ ބައްދަލުކުރައްވާފައެވެ. ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފަަހަރެއްހައި "ދުވަސްކޮޅަކަށް ވަކިވެލާން ޖެހިދާނެ" ކަމަށެވެ.

އެ ވާހަކަތަކާ ގުޅުވައި، ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އެއީ އަޑު އަހާލަން ފަސޭހަ ވާހަކަތެއް ނޫން ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައީސް ޔާމީން މިރޭ ވިދާޅުވެއްޖެ، އެމަނިކުފާން ކުޑަ ވަގުތުކޮޅަކަށް ވަޑައިގަތަސްއޭ. އެއީ އަޅުގަނޑުމެންނަށް އަޑުއަހަން ބޭނުންވާ ވާހަކައެއް ނޫން. އެވާހަކަ އަޑުއަހާލަން ފަސޭހަ ވާހަކައެއް ނޫން. އެވާހަކަ އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން،" ރައީސް ޔާމީނާ ގާތް ގުޅުމެއް އޮންނަ އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، މާތްﷲ އެ ހާލަތު މެދުވެރި ނުކުރައްވާނެ ކަމަށާއި ދުއާއަކީ، "ތާ އަބަދު" އެމަނިކުފާނާއެކު ހުންނެވޭނެ ގޮތް މަގުފަހިވުން ކަމަށެވެ. އަދި މާދަމާ ރައީސް ޔާމީންގެ މައްޗަށް އިއްވާ ހުކުމަކީ، "ހިތްދަތިވާން" ޖެހޭނެ ހުކުމެއްކަމަށް ރައްޔިތުން ގަބޫލުނުކުރާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން ލޯ މަތީގައި ހިނގައި ދިޔަ ޝަރީއަތެއް. އެ ޝަރީއަތުގައި ހެކިން ދިން މީހުންގެ ހެކިބަހާއި ދެ ފަރާތުން ހުށަހެޅި ހެކިބަހާއި މައްސަލަ ހިނގައި ދިޔަ ގޮތް ވަރަށް ރަނގަޅަށް އަޑު އެހީމު. އަޑު އަހާލީމަ މި އެނގެނީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ކުރެވޭނެ އެއްވެސް ހެއްކެއް ގަރީނާއެއް ސާބިތުކުރެވޭނެ ވަރަށް ނެތްކަން،" އަދުރޭ ވިދާޅުވިއެވެ.

ނޮވެމްބަރ 22، 2019: މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވުމުގެ ކުރިން، ކުރީގެ ރައީސް ޔާމީން ސަޕޯޓަރުންނާ ބައްދަލު ކުރެއްވުން -- ސަން ފޮޓޯ/ އަހުމަދު އަހުމަދު އަވްޝަން އިލްޔާސް

އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތަށް މިހާރު އެކުލަވާލައިފައި ބެންޗަކީ ގާނޫނާ ހިލާފަށް އެކުލަވާލާފައިވާ ބެންޗެއް ކަމަށާއި އެ ބެންޗު އުވާލުމަށް އަދުރޭ ގޮވާލެއްވިއެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހަށާއި ކްރުމިނަލް ކޯޓު މިހާރު ހިންގެވުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އަލީ ރަޝީދަށް ތުހުމަތުތަކެއްވެސް ކުރިއެވެ.

"އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ، އަލީ ރަޝީދު އާ ރަށަށް ގެންގޮސްގެން މި މައްސަލައިގައި ވަކި ގޮތަކަށް ހުކުމް ކުރަން ރައީސް ސޯލިހު އަންގަވައިފިއޭ. [އަދި] ރައީސް އޮފީހަށް ގެންގޮސްގެން ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް [ރައީސް] ސޯލިހު ބުނެފިއޭ. ކީއްވެގެންތޯ މިކަން ދޮގު ނުކުރައްވައިގެން މިއުޅެނީ. ހަގީގަތެއް އޮތީމަ ނޫންތޯ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ރައީސް ޔާމީނަށް ވިދާޅުވީ، ކޮންމެ ގޮތަކަށް ހުކުމް އައި ކަމުގައި ވީނަމަވެސް ކަންބޮޑު ނުވުމަށާއި ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ތިއްބަވާނީ ބަދަހިކަންމަތީ ކަމަށެވެ. އައި އެމަނުކުފާނުގެ ފަހަތުގައި ސާބިތުކަން މަތީ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ކިޔާ ފަޅު ރަށެއް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ އަސްލު އޮޅުވާލުމުންނެވެ.

މަނީ ލޯންޑަރިންއަކީ އެންމެ ބޮޑެތި ކުއްތަކުގެ ތެރޭގައި ހިމެނޭ ކުށެކެެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، އަދަބަކީ 100،000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު، ފަސް އަހަރާއި 15 އަހަރާ ދެމެދު މުއްދަތަކަށް ޖަލަށް ލުމެވެ. ނުވަތަ ކުށުގެ އަމަލު ހިންގުމުގައި (ލޯންޑަކުރުމުގައި) ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނަ އަށް ވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާކޮށް، 5-15 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މާދަމާ ޝަރީއަތް ބޭއްވުމަށް ތާވަލް ކޮށްފައިވަނީ، މެންދުރު 1:30 އަށެވެ.