މިސްރުގެ އަޒްހަރު ޔުނިވާސިޓީން ރާއްޖެއަށް އިތުރު ޓީޗަރުންނާއި ސްކޮލަޝިޕްތަކެއް ދޭން ނިންމައިފި އެވެ.

އަޒްހަރުން ފޮނުވާފައިވާ ޓީޗަރުން މިހާރުވެސް އަރަބިއްޔާ ސްކޫލުގައި ކިޔަވައިދެ އެވެ.

އެޑިއުކޭޝަންގެ ވަފުދެއް މިހާރު ވަނީ މިސްރުގައެވެ. އެ ވަފުދުގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒްއާއި އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ޝުޖާއު އަބްދުލް ރަހީމް ހިމެނެ އެވެެ.

އެ ދަތުރުގައި ސްޓޭޓް މިނިސްޓަރު ރިޔާޒްއާއި ޝުޖާއު ވަނީ އަޒްހަރު ޔުނިވާސިޓީގެ އިސް އިމާމް ޑރ. އަހުމަދު އަލް ތައްޔިބްއާއެކު ބައްދަލުވުމެއް ބާއްވަވައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ބައްދަލުވުން ވަަރަށް ކާމިޔާބު ކަމަށެވެ.

އެގޮތުން އަރަބިއްޔާ ސްކޫލަށް ބޭނުންވާ ހުރިހާ ޓެކްސްފޮތްތަކާއި އަރަބި އަދި ޤުރުއާން ކިޔަވައިދޭ ޓީޗަރުން ފޯރުކޮށްދިނުމަށް ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ރާއްޖޭގެ ދަރިވަރުންނަށް ސްކޮލަޝިޕްތަކެއް މެޑިސިންއާއި އިންޖިނިއަރިނގެ ދާއިރާއިން ދޭން ނިންމާފައިވާ ކަަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އިތުރު ޓީޗަރުންތަކެއް އަރަބިއްޔާއަށް ފޯރުކޮށްދޭން ނިންމިއިރރު އަރަބިއްޔާ ސްކޫލަށް ޓީޗަރުން ހަމަނުވެގެން އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ވަފުދެއް މިސްރަށް މިދޔަ ފެބްރުއަރީމަހު ދިޔައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަހަރު ބުނީ ނިމިގެން ދިޔަ ސަރުކާރުން އަޒްހަރު ޓީޗަރުންނާމެދު އަމަލުކުރީ އެންމެ ރަނގަޅަށް ނޫންކަމަށާއި އޭގެ ސަަބަބުން އަޒްހަރާ ގުޅުން ގޯސްވިކަމަށެވެ.

އެގޮތުން މިސްރުގެ އަޒްހަރު ޔުނިވާސިޓީން އަރަބިއްޔާ ސްކޫލަށް 2017 ވަނަ އަހަރު ފޮނުވި ހަތް ޓީޗަރެއް ރާއްޖެއިން ޑީޕޯޓްކޮށްލި މައްސަލައިކުރިން ވަރަށް ހޫނުވިއެވެ.