27 Nov 2019, 23:15
ފަހަރުގައިވެސް ވާގޮތަކުން އެމަނިކުފާނަށް ދެރަގޮތެއް ވެއްޖެ ނަމަ ޕީޕީއެމްއަށް އެހެން ބަޔަކު ސަވާރުވާން ފުރުސަތު ނުދީ ޕާޓީ އޮޔާދާން ދޫކޮށް ނުލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމް މެމްބަރުންނަށް ވަސީޔަތް ކުރައްވައިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވާ މަނީ ލޯންޑްރިންގް ދައުވާގެ ޝަރީއަތުގައި މާދަމާ އޮތީ ހުކުމް ކުރުމެވެ. އެ ޝަރީއަތް ތާވަލުކޮށްފައިވަނީ މާދަމާ 1:30 އަށެވެ.
ހުކުމުގެ ކުރިން ޕީޕީއެމްގެ އާންމު މެމްބަރުންނާ ބައްދަލުކުރައްވައި މިރޭ ޕީޕީއެމް އޮފީސް ކުރިމަތީ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ފަހަރުގައިވެސް މާދަމާ ވާގޮތަކުން ދުވަސްކޮޅަކަށް އެމަނިކުފާނު ދުރަށް ޖެހިވަޑައިގަންނަވަން ޖެހުނު ނަމަވެސް ޕާޓީއަށް އެހެން ބަޔަކު ސަވާރުވިޔަ ނުދިނުމަށް އާންމު މެމްބަރުން މަސައްކަތް ކުރައްވަން އެދޭ ކަމަށެވެ.
"އަޅުގަނޑު ފަހަރެއްގައި ތިބޭފުޅުންނާ ދުވަސްކޮޅަކަށް ވަކިވެލާން ޖެހުނު ކަމުގައި ވީނަމަވެސް. އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުމެން ޕާޓީގެ އިސްބޭފުޅުން ކުރައްވާ ކަންކަމަށް ސަމާލުވެވަޑައިގަންނަވާށޭ. މިކަހަލަ ބައްދަލުވުންތަކަށް އެބޭފުޅުންނަށް ތާއީދު ކުރައްވަން އެބޭފުޅުން ހިތްވަރުދެއްވަން ގިނަގިނައިން ވަޑައިގަންނަވާށޭ. އަޅުގަނޑު މިތާ ނެތުމަކުންނެއް އަޅުގަނޑުމެން ޕާޓީގެ މައްޗަކަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވައްޗޭ." ރައީސް ޔާމީން ވިދާޅުވި އެވެ.

ނޮވެމްބަރ 22، 2019: ޕީޕީއެމްގެ އެއްވުން -- ސަން ފޮޓޯ/ އަހުމަދު އަހުމަދު އަވްޝަން އިލްޔާސް
އެމަނިކުފާނު ހުރުމާއި ނެތުމަކީ ލޯމަތީގައި އޮތް އެއްޗަކަށް ނުހައްދަވަން ޔާމީން އެދިލެއްވި އެވެ. އަދި އެމަނިކުފާނާ ދޭތެރޭގައި ޕީޕީއެމް މެމްބަރުންގެ ހިތުގައި ޝުއޫރު ބިންވަޅުނެގިފައި އޮތުމަކީ ބޭނުންވާގޮތް ކަމަށް ވިދާޅުވި އެވެ.
މިހާތަނަށްވެސް އެމަނިކުފާނާއި ޕީޕީއެމް މަސައްކަތް ކުރީ ގައުމުގެ ހައްގުގައި ކަމަށް ވިދާޅުވި އެވެ. ޕީޕީއެމުން އެއްވެސް އުމުރެއްގެ އެއްވެސް ގިންތިއެއްގެ މީހަކު ވަކިވެގެން ދިޔަ ނުދިނުމަށް ޔާމީން ޕީޕީއެމްގެ އާންމު މެމްބަރުން ކިބައިން އެދިލެއްވި އެވެ.
"އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެން ދޫކޮށްލާފައި ވަޑައިގަތް ބައެއް ބޭފުޅުން އެބަ ހިތާމަކުރައްވާ. އެބޭފުޅުން ހިތާމަ ކުރައްވާ. އެބޭފުޅުން ހިތާމަ ކުރައްވަނީ އެބޭފުޅުންނަށް އެބަ ގަބޫލުކުރެވޭ ވަރަށް ރީތި ހުވަފެނެއް ނިދަން އޮތީ ވަރަށް ރީތި ހުވަފެނެއްގެ ތެރޭގައި އެކަމަކު ހޭލެވުނީމަ އަނެއްކާވެސް އެ ޖަހަނީ ފެޔަށް." ރައީސް ޔާމީން ވިދާޅުވި އެވެ.
ގައުމާއި ދީނާއި ޕާޓީ އަދި އެމަނިކުފާނުގެ ހައްގުގައި ކުރެވޭ މަސައްކަތަކީ ޖޯޝާ ފޯރީގައި ކުރެވޭ އާރުލާ މަސައްކަތަކަށް ހެއްދުވުމަށް ރައީސް ޔާމީން އެދިލެއްވި އެވެ.

ނޮވެމްބަރ 22، 2019: ޕީޕީއެމްގެ އެއްވުން -- ސަން ފޮޓޯ/ އަހުމަދު އަހުމަދު އަވްޝަން އިލްޔާސް
ކުޑަދުވަސް ކޮޅަކަށް ފެޔަށް ޖެހުނަސް ޕާޓީއަށް އެއްވެސް ހީނަރު ކަމެއް އައިސްގެން ނުވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން މިރޭ ވަސިޔަތްކުރެއްވީ ޕާޓީގެ އާންމު މެމްބަރުން އެމަގަަށް މަސައްކަތްކޮށްދެއްވުމަށެވެ.
ޕާޓީގެ އަދި ތާއީދު ކުރައްވާ އެއްވެސް މެމްބަރަކު އަދި އެމަނިކުފާނު މިނިވަންކުރަން ގޮވަން ނުވާ ކަމަށް މިރޭ ރައީސް ޔާމީން ވިދާޅުވި އެވެ. ވިދާޅުވީ އަދި އެއީ މިނިވަނެއް ކަމަށެވެ.
"އަދި ނުވޭ އަޅުގަނޑު މިނިވަން ކުރާ ވާހަކަ ދައްކާކަށް. އަޅުގަނޑަކީ މިނިވަނެއް. އަޅުގަނޑު މިހުރީ މިނިވަނެއްގެ ގޮތުގައި." ރައީސް ޔާމީން ވިދާޅުވި އެވެ.
ސަރުކާރަށް ނިސްބަތްކޮށް ޔާމީން ވިދާޅުވީ މިހާރު ވެރިކަން އޮތީ ހަމައެކަނި ފުލުހުންނާއި ސިފައިންގެ ބާރާއެކު ކަމަށާއި ރައްޔިތުންގެ ލޯބި އެއްވެސް ވަރަކަށް މިސަރުކާރަށް ނެތް ކަމަށެވެ.