24 Nov 2011, 10:50
މޮސްކޯ (ނޮވެމްބަރ 24) : އެމެރިކާގެ މިސައިލް އައްޑަނައާ ބެހޭ ގޮތުން ދެކެވެމުންދާ ވާހަކަތައް ނާކާމިޔާބުވެއްޖެ ނަމަ ރަޝިޔާގެ ހުޅަނގު ބިތުގައި ސްޓްރެޓީޖިކް ހަތިޔާރުގެ ޙަމަލާދޭ ބާވަތުގެ ސިސްޓަމްތަކެއް ރުކުރުވާލާނެ ކަމުގެ އިންޒާރު ރަޝިޔާއިން ދީފި އެވެ.
އެމެރިކާގެ މިސައިލް އައްޑަނައިގެ ނުރައްކަލާބެހޭ ގޮތުން ރަޝިޔާގެ ރައްޔިތުންނަށް ރޭ ދެއްވި ޚިތާބެއްގައި ރައީސް ޑިމިޓްރީ މިޑްވެޑޭވް ވިދާޅުވީ ރަޝިޔާގެ ޖިޔޮސްޓްރެޓީޖިކް ސަރަޙައްދުތަކުގައި މިސައިލް އައްޑަނަތަކާއި ރާޑަރު ސްޓޭޝަންތައް އެމެރިކާ ޤާއިމްކުރަމުން ގެންދާނަމަ ރަޝިޔާ އަތްއުރާލައިގެން ނޯންނާނެ ކަމުގަ އެވެ. އެމެރިކާ އަށް އިންޒާރުގެ ބަސްތައް ރައްދުކުރައްވަމުން މިޑްވެޑޭވް ވިދާޅުވީ މިމައްސަލާގައި އެމެރިކާއާ އެކު ދައްކަމުންގެންދާ ވާހަކަތަކުން ރަޝިޔާ ބޭނުންވާ ނަތީޖާ ނުނެރެވިއްޖެ ނަމަ އެމެރިކާ އާއި ޔޫރަޕަށް އަމާޒުކޮށްގެން ރަޝިޔާގެ ކެލިންގްރާޑްގައި ދުރުން އިންޒާރުދޭ ބާރުގަދަ ސިސްޓަމަކާއި ބިޔަ ރާޑަރ ސްޓޭޝަނެއް ބެހެއްޓުމަށް ރަޝިޔާގެ ދިފާޢީ ވުޒާރާ އަށް މިހާރު ވެސް އަންގާފައވާނެ ކަމުގައެވެ.
މިޑްވެޑޭވް ވިދާޅުވީ ރަޝިޔާގެ ނިއުކްލިޔަރ ސްޓްރެޓީޖިކް މަރުކަޒުތަކާއި ފަޒާއާބެހޭ މަރުކަޒުތައް އެމެރިކާގެ މިސައިލް އައްޑަނައިގެ ބިރުވެރިކަމުގެ ދަށުގައި އެންމެ ހިނދުކޮޅަކަށްވެސް ނުބަހައްޓާނެ ކަމުގައެވެ. އެމެރިކާގެ މިސައިލް އައްޑަނައާބެހޭގޮތުން އެމެރިކާގެ މަސްއޫލުވެރިންނާ ވާހަކަތައް ދައްކަމުން ގެންދާއިރުވެސް ރަޝިޔާގެ ނިއުކްލިޔަރ ސްޓްރެޓީޖިކް ސިސްޓަމްތައް ޒަމާނީކޮށް ދުރުރާސްތާގެ ނިއުކްލިޔަރ މިސައިލްތަކުގައި ފަނާކުރަނިވި ނިއުކްލިޔރ ވޯރހެޑްތައް ހަރުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ރަޝިޔާއިން ކުރިޔަށް ގެންދާނެ ކަމަށް މިޑްވެޑޭވް ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން، އެމެރިކާގެ މިސައިލް އައްޑަނައިގެ ނިޒާމުތަކުގެ ކޮންޓްރޯލް ސިސްޓަމް ކުއްލި ހަމަލާއެއްދީ ފުނަޑުފުނޑު ކޮށްލުމުގެ ޤަބިލްކަން ރަޝިޔާއަށް މިހާރުވެސް ލިބިގެންވާ ކަމުގެ ޔަގީންކަން މިޑްވެޑޭވް ރަޝިޔާގެ ރައްޔިތުންނަށް ދެއްވިއެވެ. އެމެރިކާގެ މިސައިލް އައްޑަނައިގެ ނިޒާމްތަކެއް ޕޮލެންޑާއި ޗެކް ރިޕަބްލިކްގައި ޤާއިމްކުރުމަށް އެމެރިކާކުރި މަސައްކަތްތައް ރަޝިޔާގެ ބިރިދެއްކުންތަކާ ގުޅިގެން ހުއްޓާލުމަށްފަހު މިހާރު ގެންދަނީ މިބާވަތުގެ ނިޒާމްތަކެއް ތުރުކީގައި ބިނާކުރުމަށް މަސައްކަތް ކުރަމުންނެވެ.
މިއީ އީރާނުން ކުރިމަތިވެދާނެ މިސައިލް ޙަމަލާތަކަކުން ސަލާމަތް ވުމަށް ބިނާކުރާ ނިޒާމްތަކެއް ކަމަށް އެމެރިކާ ބުނިނަމަވެސް ރަޝިޔާ ދެކެނީ މިއީ އޮޅުވާލައިގެން ސީދާ ރަޝިޔާއާ ދިމާކުރުމަށް އެމެރިކާ ރާވަމުންގެންދާ ނުބައި ރޭވުންތަކެއް ކަމުގައެވެ. (ޔުނައިޓެޑް ޕްރެސް އިންޓަރނޭޝަނަލް)