ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ބެންޗުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ރައީސް ޔާމީންގެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން އެކުލަވާލާފައިވަނީ ފަސް ފަނޑިޔާރުންގެ ބެންޗެކެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އެ ކޯޓު ހިންގުމާ ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވާ ގާޒީ އަލީ ރަޝީދު އެވެ.

ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުއްވިކަން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ޔަގީންކޮށްދެއްވާފަ އެވެ.

ޑރ. ޖަމީލް "'ސަން"އަށް ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅީ ކްރިމިނަލް ކޯޓުން އެ ބެންޗް އެކުލަވާލިއިރު އިޖުރާއަތުގެ މައްސަލަތަކެއް ވަކީލުންނަށް ފާހަގަކުރެވިގެން އެފަދަ މައްސަލައެއް ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުން ބެންޗު އެކުލަވާލާފައިވަނީ އެ ކޯޓުގެ ގަވައިދާ ހިލާފަށްކަމަށް ޖަމީލު ވިދާޅުވިއެވެ.

"ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ އަލީ ރަޝީދު މައްސަލައިން ތަނާޒުލްވުމަށް އަޅުގަނޑުމެން އެދުމުން އެބޭފުޅާ ބެންޗުގައި އިންނަވައިގެން ތަނާޒުލުނުވެވޭނެ ކަަމަށް ނިންމި މައްސަލަ، އެބޭފުޅާ އަމިއްލައަށް އެ މައްސަލައާ ހަވާލުވި މައްސަލަވެސް އަޅުގަނޑުމެން ފާހަގަކޮށްފައިވާނެ،" ރައީސް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ކޯޓުތަކުގެ ބެލެނިވެރި ފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި އެހެންވީމަ އެފަދަ އިޖުރާއީ މައްސަލައެއް ފާހަގަކުރެވުމުން އެމައްސަލަ ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓަށް ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއެވެ. މައްސަލައިގެ ހުކުމާ ހަމައަށް ގޮސްފައިވަނީ ހައިލަމްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލައި އޭނާ ސަސްޕެންޑްކުރަން ނިންމިއެވެ. އޭގެ ފަހުން މައްސަލަ ބަލަން ފަށާފައިވަނީ ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ މައްޗަށް އެކުލެވިފައިވާ ބެންޗަކުންނެވެ.

ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ އަލީ ރަޝީދު މައްސަލައިން ތަނާޒުލްވުމަށް ރައީސް ޔާމީންގެ ފަރާތުން އެދިލެއްވީ ގާޒީ މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބު ދީފައިވާތީ އެވެ. އަދި އެކަމަކީ ފަނޑިޔާރުންގެ ގާނޫނުން މަނާ ކަމެއްކަމަށް ފާހަގަކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މައްސަލައިގެ ހުކުމް އިއްވުން ތާވަލުކޮށް ކޮށްފައިވަނީ މާދަމާ 13:30 އަށެވެ.