27 Nov 2019, 18:01
ދޯންޏެއް މަތީގައި ހަމަލާދީ ކަނޑަށް އެއްލާލި ރ. މަޑުއްވަރީ، އިސްމާއިލް ހައްމާދުގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، މައްސަލައިގެ ތަހުގީގަށް އޭނާގެ ބަހެއް ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިމަހުގެ 21 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ހައްމާދުވެސް މަސައްކަތްކުރާ ދޯނީގައި ހިނގި ދެބަސްވުމެއްގައި ހައްމާދަށް ވަޅިން ހަމަލާދިނުމުން އޭނާ ކަނޑަށް ފުންމާލައި އއ. މާޅޮހަށް އަރައި އެރަށު މީހުންގެ އެހީތެރިކަމަށް އެދުނެވެ.
އަދި މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި އޭނާއަށް ފަރުވާ ދިނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވަބުދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ހައްމާދު މިހާރު އައިސީޔޫއިން ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އަދި ދޯނީގައި ދެފަރާތުގެ ދެމެދުގައި ހިނގި ޒުވާބާ ގުޅިގެން، ތަހުގީގަށް ހައްމާދުގެ ބަހެއްވެސް ހޯދާފައިވާ ކަމަށެވެ.
ނަމަވެސް ތަހުގީގުގައި އޭނާ ބުނީ ކީކޭކަމެއް ފުލުސް ކޮމިޝަނަރު ވިދާޅެއް ނުވެއެވެ.
އެ ހަމަލާގައި ހައްމާދަށް ބޮޑެތި އަނިޔާތަކެއް ވަނީ ދީފައެވެ. އެގޮތުން އޭނާގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ކަފާލާފައިވާ އިރު ކަނދުރާއަށް ވެސް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލައިފައެވެ. އަދި ތިރީ ތުންފަތް ވެސް އިރާލަން މަސައްކަތް ކޮށްފައި ހުރި ކަމަށް، ހައްމާދަށް ފުރަތަމަ ފަރުވާދިން މާޅޮހު ހެލްތު ސެންޓަރުން ބުނެފައިވެއެވެ.
ސީޕީ ހަމީދު މިއަދު ވިދާޅުވީ ހައްމާދަށް ހަމަލާދިން ވަޅި، އެ ސަރަހައްދުގެ 15 ވަރަކަށް މީޓަރު އަޑިން ފުލުހުން ހޯދާފައިވާ ކަމަށެވެ.
އަދި މައްސަލައިގައި ހައްޔަރު ކުރި އިސްމާއިލް އާސިފްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ކުށަށް އިއުތިރާފުވެފައިވާ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
އެ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، ހައްމާދަށް ހަމަލާދިނީ އެންމެ މީހެއް ކަމަށާއި، އެވަގުތު އެހެން މީހުން ތިބީ ނިދާފައި ކަމަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި، ދޯނި ތެރޭގައި މައްސަލަ ޖެހުނީ، އެ ގްރޫޕުން ރާވައިގެން ކުރަން އުޅުނު ވައްކަމެއްގެ ޒިންމާ ނަގަން ހައްމާދު އިންކާރު ކުރުމުންނެވެ. އަދި އޭނާއަށް ހަމަލާދީފައި ވަނީ މަރަން ހުކުމް ކުރުމަށްފަހުއެވެ.
ހައްމާދަކީ ތަފާތު އެކި ކުށްތަކުގެ ރެކޯޑު އޮންނަ މީހެކެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނުތަކެއް ވައްދަން އުޅުނު މައްސަލައެއްގައި ވެސް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.