27 Nov 2019, 17:45
ރާއްޖޭގެ ރަށެއްގައި 26 އަހަރުގެ ފިރިހެނަކު 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ކައިވެނީގެ ނަމުގައި ގުޅި، އެކުއްޖާއަށް ޖިންސީ އަނިޔާދީ އެކުއްޖާ ބަލިވެ އިން މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހާއްސަ ޓާސްކް ފޯސް އެއް އުފައްދަވައިފި އެވެ.
މިއަދު އޮތް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ޓާސްކް ފޯސް އެކުލަވާލީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.
ރައީސް ސޯލިހު އުފެއްދެވި ޓާސްކް ފޯސް އިން ރޭ 9:00 އިން ފެށިގެން މައްސަލަ ބަލަން ފަށާފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.
މި މައްސަލަ މީޑިއާގެ ސަމާލުކަމަށް އައިސްފައި ވަނީ، ދާދި ފަހުން ދޯންޏެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހާއަކީ 13 އަހަރުގެ އަންހެން ކުއްޖަކާއި ކައިވެނީގެ ނަމުގައި ގުޅުން ހިންގަމުން ދިޔަ މީހެއް ކަން އެނގުމުންނެވެ.
މީޑިއާގައި އެވާހަކަ ދައްކަން ފެށުމުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ވަނީ އާންމުންގެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
ޖެންޑާ އަދި ފުލުހުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތައުލީމާއި ސިއްހީ ހައްގުތަކުން އެ މީހުން މަހުރޫމްކޮށްފައިވާ ކަމުގެ މައުލޫމާތު ޖޫން، 6، 2018 ގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން އެ މައްސަލަ ބަލަން ފެށި ކަމަށެވެ. އަދި އެ މައްސަލަ ބެލިއިރު، މި މައްސަލައިގައި ހިމެނޭ އާއިލާ އަކީ، ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް މީހަކު އެކުއްޖާއާ ކައިވެނީގެ ނަމުގައި ގުޅިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ވެސް ބުންޏެވެ.
މިއަދު ސީޕީ ހަމީދު ވިދާޅުވީ އެ މައްސަލަ "އެކަށީގެންވާ" ވަރަކަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި 2018 ވަނަ އަހަރު އެ މައްސަލަ ސަމާލުކަމަށް އައުމުން ދައުލަތުގެ އިދާރާތައް ގުޅިގެން އެ މައްސަލައިގައި ކުރެވުނު މަސައްކަތްތަކަކީ ކޮބައިތޯ އާއި އަދި އެއީ އެންމެ ރަނގަޅު މަސައްކަތްތަކެއްތޯ ބަލަމުން އަންނަ ކަމަށެވެ.
މައްސަލައިގައި އަޅާފައި ވަނީ އެންމެ އެކަށީގެންވާ ފިޔަވަޅުތޯ ބަލައި ދެން އިތުރަށް އެޅެން ހުރި ފިޔަވަޅުތައް ވެސް ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން އުފެއްދެވި ހާއްސަ ޓާސްކް ފޯސް އެއްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ހާއްސަ ތަހުގީގު ޓީމެއް މިކަމަށް ހާއްސަ ކުރެވިގެން، ޖުމްލަ މި މަޝްރަހުގެ ތެރޭގައި މިހާރު މި ހިނގާ ކަންބޮޑުވުން ހުރި މައްސަލަތަކަށް އެޓެންޑު ކުރުމުގައި ޓީމެއް އެކުލަވާލި ރޭގެ 9:00 އިން ފެށިގެން އެ މަސައްކަތް ވާނީ ފެށިފައި،" ސީޕީ ވިދާޅުވި އެވެ.
ހާއްސަ ޓާސްކް ފޯސް އަކުން މައްސަލަ ބަލަން ފަށާފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ވެސް އަންނަނީ އެ މައްސަލަ ދިރާސާކުރަމުންނެވެ.
އެގޮތުން މިރޭ އޮންނަ އެ ކޮމިޓީގެ ބައްދަލުވުމަށް ޖެންޑާ މިނިސްޓްރީ، ފުލުހުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުން ހާޒިރުކުރުމަށް ވަނީ ނިންމައިފައެވެ.
އަދި މި މައްސަލަ ފެންމަތިވުމާ ގުޅިގެން ރާއްޖޭގެ އެއްވެސް ރަށެއްގައި އުމުރު ހަމަނުވާ ކުޑަކުދިންނާ ކައިވެނީގެ ނަމުގައި ގުޅުން ހިންގާތޯ ބެލުމުމުގެ މަސައްކަތް ވެސް ކޮމިޓީން ވަނީ ފަށައިފަ އެވެ.