"މެރާކީ ކޮފީ ރޯސްޓާސް" ކެފޭއަށް ހަމަލާދީ އެތަނުގެ ދޮރުގައި ތަތްކުރި އިންޒާރުގެ ނޯޓު ލިޔަން ތިއްބައި ނަގާފައިވާ ވީޑިއޯއެއް ހޯދާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އަންހެނުން ފިރިހެން ހެނދުން ނޭޅުމަށް އަދި ފިރިހެނުން އަންހެން ވެގެން ނޫޅުމަށް އިންޒާރުދީ ނޯޓެއް ހަރުކުރުމަށް ފަހު އެތަނުގެ ބިއްލޫރިގަނޑުގައި ގަލަކުން ޖަހާ ތަޅާލީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގުރޫޕަކުން އެވެ.

އެ ހަމަލާ ދިންތާ 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ވަނީ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.

މިއަދު އޮތް ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ އެމީހުން އެ ނޯޓު ލިޔަން ތިބި ތަނާއި، ނޯޓު ލިޔަނިކޮށް ނަގާފައިވާ ވީޑިއޯ ވެސް މިހާރު ހޯދާފައިވާ ކަމަށެވެ.

"އެތަނުގައި ތަތް ކުރެވުނު ނޯޓު، އެމީހުން ލިޔަން ތިބީ ކޮންތާކުތޯ އާ، އަދި އެ ނޯޓު ލިޔަނިކޮށް ނެގިފައިވާ ވީޑިއޯވެސް އަޅުގަނޑުމެން ވާނީ ހޯދާފައި،" ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން ވަގުތުން ވަގުތަށް އަޅަމުން ގެންދާ ކަމަށެވެ.

އެ ކެފޭގައި ތިބި މަންޒަރު ދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި ސައިކަލުތަކެއްގައި އައި ގުރޫޕެއްގެ ތެރެއިން ކުރީ ސައިކަލުގައި ތިބި ދެމީހުން އެތަނަށް ގާބުރި އެއްލި އެވެ. އަދި ފުރަތަމަ އެއްލި ގާބުރިން ބިއްލޫރިގަނޑު ތަޅައިގެން ނުދިޔުމުން އަނެއްކާވެސް އެހެން ގާބުރިއެއް އެއްލައި އެތާންގެ ބޭރު ބިއްލޫރިގަނޑު ތަޅާލި އެވެ.

މެރާކީގެ ބިއްލޫރިގަނޑު ބަޔަކު ތަޅާލީ އެތަނުގެ މުވައްޒަފެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި އަންހެނަކު ފިރިހެނުން ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން އުޅޭ ކަމަށް ބުނެ އޭނާއަށް ސޯޝަލް މީޑިއާގައި ފާޑުކިޔައި ރުޅިވެރިކަން އަމާޒުވެފައި ވަނިކޮށެވެ.