ވޮޝިންގޓަން (ނޮވެމްބަރ 24) : އެމެރިކާގެ ދިފާޢީ ޚަރަދުތައް ކުޑަކުރުމާ ދެކޮޅަށް އެމެރިކާގެ ދިފާޢީ ވަޒީރު ލޔޮން ބެނީޓާ އިންޒާރު ކުރައްވައިފިއެވެ. ޕެންޓަގަންއިން އިއްޔެ ނެރުނު ރަސްމީ ބަޔާނެއްގައި ބެނީޓާ ވިދާޅުވީ އެމެރިކާގެ ދިފާޢީ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަކީ އެކަމުގެ އަސަރު ވަރަށް ހިތިގޮތަކަށް އެމެރިކާއަށް ފެނިގެންދާނެ ކަމެއް ކަމުގައެވެ.

ދިފާޢީ ޚަރަދުތައް ކުޑަކުރުމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވެ އެމެރިކާގެ ދިފާއީ އައްޑަނަ ފޫވެއްޓި އެމެރިކާގެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށްވެސް ބެނީޓާ ވިދާޅުވިއެވެ. ވެތުވެދިޔަ ހައެއްކަ އަހަރުތެރޭގައި އެމެރިކާގެ އިޤްތިސާދު އަޑިއަޅާލުމުގެ މައިގަނޑު ސަބަބަކީ ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ ކުރަމުން ގެންދިޔަ ހަނގުރާމަތަކުގެ ސަބަބުން ދިފާޢީ ޚަރަދުތައް އާދަޔާ ޚިލާފަށް ބޮޑުވެގެންދިޔުން ކަމަށް އެމެރިކާގައި ޝާއިޢުކުރެވުނު ރިޕޯޓްތައް ބުނެއެވެ.

އިރާޤާއި އަފްޣާނިސްތާނުގެ ހަނގުރާމަތަކުގެ ސަބަބުން އެމެރިކާގެ ޢަސްކަރީ ޚަރަދުތައް އަހަރަކު އަށްސަތޭކަ ބިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ. މިއަހަރު ނިމޭއިރު ޢިރާޤުން އެމެރިކާ ސިފައިން އެއްކޮށް ފައިބާ ނިންމުމަށް ހަމަޖެހިފައިވާތީ އެމެރިކާގެ ޢަސްކަރީ ޚަރަދުތައް 10% ށް ކުޑަކުރެވިދާނެ ކަމަށް ޕެންޓަގަންގެ ޢަސްކަރީ ތަޖްރިބާކާރުން ދެކެއެވެ. މިއާއެކުވެސް ޢަސްކަރީ ޚަރަދުތައް ފާހަގަކޮށްލެވޭ މިންވަރަކަށް ކުޑަކުރުމަށް އެމެރިކާ ސަރުކާރުން ގެންދަނީ ފަސްޖެހެމުންނެވެ.

އެމެރިކާއަކީ ލިބޭއެއްޗަކަށްވުރެ މާބޮޑަށް ޚަރަދުކުރާ ޤައުމަކަށްވެފައި އެމެރިކާގެ ދަރަނި 13 ޓްރިލަޔަން ޑޮަލަރަށްވުރެ މައްޗަށް ގޮސްފައިވާތީ އެމެރިކާގެ އިޤްތިސާދުވަނީ ހީނަރުކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ނަތީޖާއެއްގެ ގޮތުން ޢަސްކަރީ ޚަރަދުތައް ކުޑަކުރުމަށް އެމެރިކާއަށްވަނީ މަޖްބޫރުވެފައެވެ.

ޢަސްކަރީ ޚަރަދުތައް ކުޑަކުރުމަކީ ދުނިޔޭގެ ޤައުމުތަކަށް އެމެރިކާ ހިންގާ ބާރާއި ނުފޫޒު ކުޑަވެގެން ހިނގައިދާނެ ކަމެއްކަމަށްވާތީ ދިފާޢީ މިޚަރަދުތައް ކުޑަކުރުމަށް ކޮންގްރެސްގައި ކުރެވެމުންދާ ބަޙުސް އަދި ވަކިކޮޅަކަށް ނުނިމެއެވެ. ޕެންޓަގަންއިން ބޭނުންވަނީ ދިފާޢީ ބަޖެޓުން 90 ވަރަކަށް ބިލިޔަން ޑޮލަރު އުނިކުރުމަށެވެ. ނަމަވެސް ކޮންގްރެސްގެ ބައެއް މެންބަރުން ގެންދަނީ ދިފާޢީ ބަޖެޓުން 500 ބިލިޔަން ޑޮލަރު އުނިކުރުމަށް ވަކާލާތު ކުރައްވަމުންނެވެ. (ނޫސްއެޖެންސީތައް)