ހިއްސާގެ ފައިދާގެ އާމްދަނީ ނޫނީ ޑިވިޑެންޑުން ޓެކްސް ނަގާ ގޮތަށް އާންމު ފަރުދުންގެ އާމްދަނީއިން ޓެކްސް ނެގުމުގެ ބިލަށް މަޖިލީހުގެ މުޅި ކޮމިޓީއިން އިސްލާހު ގެނެސްފި އެވެ.

އެ ބިލް ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމެޓީއިން ދިރާސާކުރަމުން ދާއިރު، އެ ބިލަށް ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ހަ އިސްލާހެއް ހުށަހެޅި އިރު، އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި އެއް އިސްލާހަކީ އެބިލުގެ 12 ވަނަ މާއްދާގެ (ހ) އާއި (ށ) އިސްލާހު ކުރުމަށް ހުށަހެޅުއްވި އިސްލާހެވެ. އެ އިސްލާހުގައި ބުނަނީ، ރާއްޖޭގައި ހިންގާ ކުންފުނިތަކުން ރާއްޖޭގައި ވަޒަންވެރިވެރިވެފައިވާ ފަރާތްތަކަށް ޓެކްސް އަހަރެއްގެ ތެރޭގައި ޑިވިޑެންޑުގެ ގޮތުގައި އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ލިބޭ އާމްދަނީއިން، އިންކަމް ޓެކުހަށް 5.5 ޕަސެންޓް ނަގާނެ ކަމަށެވެ.

އެ އިސްލާހު ފާސްވީ އެ ވަގުތު ކޮމިޓީގައި ތިއްބެވި، 24 މެންބަރުންގެ އިއްތިފާގުން އެވެ. ހަތް މެންބަރަކު އެ އިސްލާހާ ދެކޮޅަށް ވޯޓް ދެއްވި އެވެ.

ސަރުކާރުން ބިލު ހުށަހެޅި އިރު އިންކަމް ޓެކުހުން އިސްތިސްނާވާނެ އާމްދަނީގެ ގޮތުގައި ޑިވިޑެންޑް ހިމަނާފައިވެ އެވެ. ސަރުކާރުން ބުނީ، އެގޮތަށް ބިލް ހުށަހެޅީ، ވިޔަފާރި ފައިދާގެ ޓެކްސް، ބީޕީޓީ ނަގާތީ ކަމަށެވެ.

މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ، ބިލަށް ގެނައި ބަދަލުގެ ސަބަބުން، ވިޔަފާރިތަކުން ބީޕީޓީ ދެއްކުމަށްފަހު، އެ ވިޔަފާރީގެ ބައިވެރިންނަށް ލިބޭ ފައިދާ އަކީ އެއް މިލިއަން ރުފިޔާ އިން މަތީގެ އަދަދެއް ނަމަ، އެ ފައިދާ އިން ޓެކްސް ނެގޭނެ ކަމަށެވެ.