27 Nov 2019, 17:47
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ބަލާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ބެންޗުން ވަކިކުރުމުގައި އެއްވެސް އޭނާ އަލިމަގެއް ނުފެނުނު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ސަސްޕެންޑު ކުރުމާ ގުޅިގެން އެ މައްސަލަ ބަލަން ހަވާލުވެވަޑައިގަތީ، އެ ކޯޓުގެ ހިންގުން ޖޭއެސްސީއިން ހަވާލު ކުރި ގާޒީ އަލީ ރަޝީދެވެ. އެކަމަކު، ގާޒީ އަލީ ރަޝީދު މީޑިއާއަކަށް މައުލޫމާތު ދިނީތީ އޭނާ ފަނޑިޔާރުންގެ ގާނޫނާ ހިލާފުވެފައިވާކަމަށް ބުނެ އޭނާއަށް އެ މައްސަލަ ބަލަން ނުހުރެވޭނެ ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.
އޭނާ އެ މައްސަލަ ބަލަން ހުރުމުން، ޔާމީންގެ ފަރާތުން ވަނީ އެ މައްސަލަ ބަލަން ބެންޗެއް އެކުލަވާލަން ކްރިމިނަލް ކޯޓުގައި އެދިފައެވެ. އެގޮތަށް ނިންމައި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ އެ މައްސަލައަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފައެވެ.
މީގެ ކުރިންވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ޖޭއެސްސީއަށް ހުށަހަޅާފައިވާ ގާޒީ އަލީ ރަޝީދާ ގުޅޭ ސުލޫކީ މައްސަލައެއް ބަލަން ގޮވާލައިފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއެއްގައިވެސް އިދިކޮޅުން އެ ކަންބޮޑުވުން ތަކުރާރު ކުރިއެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އަލީ ރަޝީދުގެ މައްސަލައިގައި ކަންބޮޑުވުންތައް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާއާ ހިއްސާކޮށްފައިވާ ކަމަށެވެ. އެ ކަންބޮޑުވުންތައް ގާޒީ އަލީ ރަޝިދާ ހިއްސާކޮށްފައިވާނެ ކަމަށާއި، އެކަމަކު، ކަންބޮޑުވުންތަކުގެ ޖަވާބެއް އިސް ގާޒީ ނުދެއްވާ ކަމަށް ރަޖިސްޓްރާއާ ހަވާލާދީ އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭގެ އިތުރުން، އަލީ ރަޝީދާ ގުޅޭ ކަންބޮޑުވުންތައް ޖޭއެސްސީގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާވެސް އިދިކޮޅުން ހިއްސާކުރިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ކަންބޮޑުވުންތައް ޖޭއެސްސީގެ ސަމާލުކަމަށް ގެންނާނެކަމަށް ނަޝީދު ވިދާޅުވިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އެކަމަކު، މިއަދާ ހަމައަށް އައި އިރު އަދި މިއަދުގެ މިވަގުތާ ހަމައަށް އައި އިރު އަޅުގަނޑުމެންނަކަށް ނެތް މިކަމުގައި އެއްވެސް މަގަކުން ހިނގައިގެން އަލިކަމެއް ފެނިފައެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވަނީ އަލީ ރަޝީދު ބެންޗުން ވަކި ކުރެއްވޭނެ ގޮތެއް ހަމަޖައްސައިދޭން ޖޭއެސްސީއަށް އިލްތިމާސްކުރައްވައިފައެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އަލީ ރަޝީދަށް އެތަނުގައި އިނދެވޭނެ ކަމަކަށް. އެހެންވީމަ އެންމެ ފަހު ވަގުތުވެސް އަޅުގަނޑުމެން ޖޭއެސްސީއަށް ގޮވާލަން، އިލްތިމާސްކުރަން އަލީ ރަޝީދު މާދަމާ ޝަރީއަތް ފެށުމުގެ ކުރިން އެ ބެންޗުން ނަންގަވައިދެއްވާށޭ. ނަންގަވާފައި އެހެން ބޭފުޅަކު އެ ބެންޗަށް އައްޔަންކޮށްދޭށޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ވަގުތީ ގޮތުން ހަަމަޖެއްސެވި، ގާޒީ އަލީ ރަޝީދު --- ސަންފޮޓޯ
ރައީސް ޔާމީންގެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލުން ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ 11 ވަނަ ނަމްބަރާ ހިލާފަށް ގާޒީ އަލީ ރަޝީދު ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޝަރީއަތާ ބެހޭ ގޮތުން ވަކި މީޑިއާއަކަށް މައުލޫމާތު ދެއްވާފައިވާތީ ކަމަށެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ 11 ވަނަ ނަމްބަރުގައި ވަނީ، ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާގުޅޭގޮތުން، ނުވަތަ އޭނާ މަސައްކަތްކުރަމުންދާ ކޯޓަކާގުޅޭގޮތުން، ސިޔާސީ ފަރާތްތަކުން ނުވަތަ މީޑިއާގެ ފަރާތަކުން ދައްކަމުންދާ ވާހަކައަކަށް ރައްދުދިނުމަށްޓަކައި، މީޑިއާގައި ނުވަތަ މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ފަނޑިޔާރަކު ސީދާ ރައްދު ދީގެން ނުވާ ކަމަށެވެ. އަދި، މީޑިއާގައި އުފެދޭ މައްސަލަތަކަށް ކޯޓުގެ ކަމާބެހޭ މުވައްޒަފަކު މެދުވެރިކޮށްވެސް ޖަވާބުދާރީ ވެގެން ނުވާނެ ކަމަށެވެ.
އެ އަޑުއެހުމުގައި، ގާޒީ އަލީ ރަޝީދު ބެންޗުން ވަކިވުމާ މެދު ގޮތެއް ނިންމުމަށް މަޝްވަރާ ކުރުމަށް ގާޒީންގެ ބެންޗުން 15 ވަރަކަށް މިނެޓުގެ ބްރޭކެއް ނެގިއެވެ. ބެންޗުން ނިންމީ ގާޒީ އަލީ ރަޝީދު ތަނާޒުލުވާން ނުޖެހޭ ކަމަށެވެ. ސަބަބަކީ އޭނާ ސިޔާސީ މީހަކަށް ރައްދު ނުދޭތީއާއި، މީޑިއާގައި ދެއްކި ވާހަކައަކަށް ރައްދު ނުދޭތީއެވެ. އަދި ކޯޓުގެ މުވައްޒަފަކު ލައްވައި ޖަވާބުދާރީވެފައި ނުވާތީއެވެ.
ގާޒީ އަލީ ރަޝީދު މީޑިއާއާ ވާހަކަ ދެއްކެވީ ގާޒީ ހައިލަމް ނެރުއްވި ބަޔާނެއްގައި އޮތް އެއްޗަކާ ބެހޭގޮތުން ސުވާލު ކުރުމުންނެވެ. ހައިލަމް ވިދާޅުވީ، ހައިލަމްއަށް ނުފޫޒު ފޯރުވި ވަރު ގާޒީ އަލީ ރަޝީދަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެކަން މީޑިއާގައި އަލީ ރަޝީދު ދޮގު ކުރެއްވިއެވެ.
ރައީސް ޔާމީންގެ މައްސަަލައަށް އެކުލަވާލި އާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.
ރައީސް ޔާމީނުގެ ޝަރީއަތުގެ ހުކުމް އިއްވުން އޮންނާނީ މާދަމާ މެންދުރު 13:30ގައެވެ.