ހއ. ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލަރު ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހާއި ހަމަޔަށް ކަމަށެވެ.

ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަން ކޮމިޝަނުން އިއުލާން ކުރީ ޑީއާރްޕީގެ ޓިކެޓްގައި ފިއްލަދޫ ކައުންސިލަށް އިންތިޚާބުވި އާދަމް އިނާޒް ޕާޓީން ވަކިކޮށް ޑީއާރްޕީން އެކޮމިޝަނަށް ހުށަހެޅި ހުށަހެޅުން ބެލިއިރު ގާނޫނުގައި ވާ ގޮތުގެ މަތިން އޭނާ ކައުންސިލަރު ކަމުން ވަކިވެއްޖެ ކަމަށް ކޮމިޝަނަށް ކަށަވަރު ވެފައިވާތީ ކަމަށެވެ.

ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަން އިއުލާން ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

މިއީ ސިޔާސީ ޕާޓީއަކުން ކައުންސިލަރަކު ވަކިކުރުމުން ގޮނޑިގެއްލި އިންތިޚާބު ބާއްވަން އިއުލާން ކުރި ފުރަތަމަ ފަހަރެވެ.

އިނާޒް ޑީއާރުޕީން ވަކިކުރުމުން އޭނާ ވަނީ ވެރިކަން ކުރާ އެމްޑީޕީ އަށް ސޮއި ކުރައްވާފަ އެވެ.