27 Nov 2019, 14:58
ޕެސްޓިސައިޑް ނުވަތަ ދަނޑުވެރިކަމަށް ބޭނުންކުރާ ކެމިކަލް ކޮންޓްރޯލް ކުރުމަށް މަޖިލީހަށް ހުށަހެޅި ބިލް ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުއްވި، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ބިލް ކޮމެޓީން ނިންމި ގޮތަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވިވަޑައިގަތް 72 މެންބަރުންގެ އިއްތިފާގުންނެވެ.
ޕެސްޓިސައިޑް ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ ދަނޑުވެރިންގެ ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ދަނޑުވެރިންގެ ޝަކުވާ އަޑުއެއްސެވުމަށް ފަހު އެވެ.
ސަރުކާރުން ބުނީ އެ ބިލަކީ ދެމެހެއްޓެނިވި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގައި ކުރިއެރުވުމަށް ޓަކައި ހުށަހެޅި ބިލެއް ކަމަށެވެ. އޭގެ އިތުރުން ޕެސްޓިސައިޑްގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، ރާއްޖޭގައި ޕެސްޓިސައިޑް އުފެއްދުމާއި ރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުމާއި ވިއްކުމާއި ބޭނުންކުރުމާއި ނައްތާލުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު ސިއްހަތާއި ތިމާވެއްޓަށް ލިބޭ ގެއްލުން ބަލައި ފިޔަވަޅު އެޅުމުގެ އުސޫލުތައް ބިލުގައި ހިމެނެ އެވެ.
ޕެސްޓިސައިޑާ ބެހޭ ކަންތައްތައް އެންމެ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށް ޓަކައި ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް އެ ބިލު ގާނޫނަކަށްވާ ހިސާބުން ގާއިމް ވެގެން ދާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޒުކުރުމާއި، ޕެސްޓިސައިޑް ތަހުލީލު ކުރުމަށް ޓަކައި ރަސްމީ ލެބޯޓަރީތައް އެ ގާނޫނުގެ ދަށުން ގާއިމް ކުރެވޭނެ ކަމަށް ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގާނޫނާ ހިލާފުކަންކަން ކުރަމުންދާ ފަރާތްތަކާ މެދު އަދަބެއްގެ ގޮތުން 5000 ރުފިޔާ އާއި އެއް ލައްކަ ރުފިޔާއާ ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އަދަބު ކަނޑައެޅިގެންދާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
މި ބިލަކީ މީގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅި ބިލެކެވެ. އެހެން ނަމަވެސް އޭރު މަޖިލީހުގެ ދައުރު ހަމަވުމުން އެ ބިލް ބާތިލްވީ އެވެ.