28 Nov 2019, 09:32
ބަޣްދާދު (ނޮވެމްބަރު 27): އެމެރިކާ ސިފައިންގެ އިސް ކޮމާންޑާރު އަދި ޖޮންއިންޓް ޗީފްސް އޮފް ސްޓާފް ގެ ޗެއާމަން ޖެނެރަލް މާކް މިލޭ އިއްޔެވަނީ ކުއްލި ދަތުރުފުޅެއްގައި އިރާގަށް ވަޑައިގެންފަ އެވެ.
ވަކި ބޭނުމެއް ހާމަނުކުރައްވައި ޖެނެރަލް މިލޭ ކުއްލިގޮތަކަށް އިރާގަށް ވަޑައިގެންނެވީ އިރާގުގެ އެތަށް ހާސްބަޔަކު އެގައުމުގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރަތަކެއް ކުރިޔަށްގެންދާ ވަގުތެއްގަ އެވެ. ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާތާ ދެ މަސްވެފައިވާ އިރު، އެ މުޒާހަރާތައް ފަށާފައިވަނީ އިރާގުގައި ކޮރަޕްޝަން އާންމުވެ އިގްތިސާދު ހީނަރުވެ އާންމު ހިދުމަތްތަކުގެ ފެންވަރު ދަށަށްގޮސް ވަޒީފާގެ ފުރްސަތު ނެތުންފަދަ ބޮޑެތި މައްސަލަތާ ހުރެ އެވެ. އެ ސަބަބާ ހުރެ ފެށި އެ މުޒާހަރާތައް މިހާރު ވެގެން ގޮސްފައި ވަނީ، އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީ އާއި އޭނާގެ ސަރުކާރު ގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާތަކަކަށެވެ.
އިރާގުގެ ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް 339 މީހުން މަރުވެފައިވާއިރު ދޮޅު ހާހެއްހާ މީހުންވަނީ ޒަހަމްވެފަ އެވެ. މިއީ އެމެރިކާ ސިފައިން 2003 ވަނަ އަހަރު އިރާގަށް ގަދަބާރުން އަރައި އެގައުމުގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލިފަހުން އިރާގުގައި ހިނގަމުންދާ އެންމެ ވަރުގަދަ މުޒާހަރާތަކެވެ.
އިރާގުގައި މުޒާހަރާތައް ކުރަމުން ގެންދާއިރު ލުބްނާނުގައިވެސް ސިލްސިލާގޮތެއްގައި ގެންދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. އިރާގާއި ލުބްނާނުގައި ކުރަމުން ގެންދާ މި މުޒާހަރާތަކުގައި އެމެރިކާގެ މައި ދުޝްމަންކަމަށްވާ އީރާނާ ދެކޮޅަށްވެސް އަޑުއުފުލަމުން ގެންދެ އެވެ. އެހެންކަމުން މި މުޒާހަރާތަކުގެ ބޭނުން ސިޔާސީގޮތެއްގައި ހިފައިގެން އީރާނުގެ ބާރާއި ނުފޫޒު އެދެގައުމުންނާ އަދި މެދުއިރުމަތިން ކުޑަކޮށް އެމެރިކާގެ ނުފޫޒު ވަރުގަދަކުރުމަށްޓަކައި އެމެރިކާއަށް މުހިއްމު ދައުރެއް އަދާކުރެވިދާނެކަމަށް ބައެއް މުހައްލިލުންވަނީ ވިދާޅުވެފަ އެވެ.
އެމެރިކާގެ ސިފައިންގެ ވެރިޔާ ޖެނެރަލް މާކް މިލޭ އިރާގަށް ވަޑައިގެންނެވީ މިފަދަ ބޭނުމެއްގައި ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ޕެންޓަގަންއިން ޖެނެރަލް މިލޭ ގެ ދަތުރުފުޅުގެ ބޭނުމާބެހޭ އެއްވެސް ތަފްސީލެއް ނުދެ އެވެ. ޖެނެރަލް މިލޭ ގެ ދަތުރުފުޅުގައި އިރާގުގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވާނެ އެވެ. އޭގެތެރޭގައި ރައީސް ބަރްހަމް ސަލިހް އާއި ބޮޑުވަޒީރު އާދިލްއަބްދުލް މަހްދީ ހިމެނިވަޑައިގަންނަވަ އެވެ.

އެމެރިކާގެ މަތިންދާ ބޯޓު އުފުލާ ބިޔަ މަނަވަރު "އަބްރަހަމް ލިންކޮން" ގަލްފަށް ވަންނަނީ
ޖެނެރަލް މިލޭ އިރާހަށް ވަޑައިގަތުމުގެ އެއްދުވަސްކުރިން އެމެރިކާގެ މަތިންދާ ބޯޓު އުފުލާ ބިޔަ މަނަވަރެއް ކަމަށްވާ "އަބްރަހަމް ލިންކޮން" ވަނީ 900 ސިފައިންނާއެކު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ގަލްފަށް ވަދެފަ އެވެ. ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ މައި ލޭނާރުގެ ގޮތުގައި ސިފަކުރެވޭ ހަނި އަދި ސްޓްރެޓީޖިކް ކަނޑުއޮޅިއެކެވެ.
"އަބްރަހަމް ލިންކޮން" މަނަވަރު 900 ސިފައިންނާއެކު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ގަލްފަށް ވަންއިރު އީރާނުގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކެއްވެސް ދިޔައީ ގަލްފުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ދެފަރާތުގެ ދެމެދުގައި ކުރިމަތިލުމެއް ހިނގާފައެއް ނުވެ އެވެ. ނަމަވެސް އީރާނުގައި ދާދިފަހުން ހިނގި ވަރުގަދަ މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން އީރާނުން ހުއްޓުވުުމުން އެމެރިކާ ވަނީ ކަންބޮޑުވާކަންހަމަކޮށްފަ އެވެ. އީރާނުންވަނީ އެ މުޒާހަރާތައް ލީޑްކުރީ އެމެރިކާ އާއި ގުޅިފައިވާ ބައެއްކަމަށް ބުނެ މުޒާހަރާ ކުރި ރައްޔިތުން އެއީ "ކުލީ ސިފައިން" ކަމަށް ސިފަކޮށްފަ އެވެ. މުޒާހަރާތަކުގެ ބޭނުމަކީ އީރާނުގެ ވެރިކަމާ ތޮޅުމަށް މަގުފަހިކުރުން ކަމަށާއި ނަމަވެސް މުޒާހަރާތައް ހުއްޓުވުމުން އެ އުންމީދު އެމެރިކާއަށް ގެއްލިފައިވާ ކަމަށް އީރާނުގެ ރަސްމީ މީޑިއާއިން ބުނެފައިވެ އެވެ.
ސައޫދީ އަރަބިޔާގެ އިރު ދެކުނުގެ ބަޤީޤް އައި ހިޖްރަތު ޚުރައިސް ގައިވާ ތެލުގެ މަރުކަޒުތަކަށް މިދިޔަ ސެޕްޓެމްބަރު މަހު ދިން ވަރުގަދަ ހަމަލާތަކުގެ ޒިންމާ ޔަމަންގެ ހޫޘީ ޖަމާއަތުން އުފުލި ނަމަވެސް އެމެރިކާ އާއި ސައޫދީން އެހަމަލާތަކުގެ ޒިންމާ އަޅުވާފައިވަނީ އީރާންގެ ބޮލުގަ އެވެ. އީރާންއަކީ ހޫތީންއަށް ވާގިދޭ ގައުމެކެވެ.
މީގެއިތުރުން ގަލްފުން ދަތުރުކުރި ބައެއް ތެޔޮ ޓޭންކަރުތަކަށާއި އާގު ބޯޓުތަކަށް ގޮތް ނޭންގޭ ހަމަލާތަކެއް ދީފައިވާއިރު އެއީވެސް އީރާނުގެ ކަމެއްކަމަށް އެމެރިކާއިން ތުހުމަތު ކުރެ އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ސާބިތު ކުރެވޭވަރުގެ ހެއްކެތް އެމެރިކާއަށް ވެސް އަދި ސައޫދީއަށް ވެސް ދެއްކިފައެއްނުވެ އެވެ. އަދި މިއިން އެއްވެސް ހަމަލާއެއްގެ ރައްދުގައި އެމެރިކާއަށް ވެސް އަދި ސައޫދީއަށް ވެސް އީރާނަށް ހަމަލާއެއް ދޭން ކެރިފައެއް ނުވެ އެވެ.
އީރާނުންވަނީ އެގައުމާ ދެކޮޅަށް އުދުވާނެއް ހިންގައިފިނަމަ ގަލްފުގައިވާ ޙައްސާސް މަރުކަޒުތަކަށް ހަމަލާ ދޭނެކަމުގެ އިންޒާރު ދީފަ އެވެ. ހައްސާސް މަރުކަޒުތަކަކީ ކޮންތަންތަނެއްކަން ހާމަނުކުރި ނަމަވެސް އެއީ ޔޫއޭއީ އާއި ސައޫދީގައިވާ ތެލުގެ މަރުކަޒުތަކާއި ފެންޕްލާންޓްތައްކަމަށް މުރާސިލުން ބުނެ އެވެ. އީރާނުންވަނީ އެމެރިކާ ފަދަ ބޭރުގެ އަސްކަރީ ބާރުތައް ގަލްފަށް ނުވެއްދުމަށާއި ގަލްފުގައި އަމަން ބެލެހެއްޓުމުގެ ކަންތައް އެސަރަހައްދުގެ ގައުމުތައް ގުޅިގެން ކުރިޔަށް ގެންދިޔުމަށް ގޮވާލާފާ އެވެ. ނަމަވެސް އީރާނުގެ ގޮވާލުންތަކަށް ސައޫދީ އާއި ޔޫއޭއީން އިޖާބަ ދީފައެއް ނުވެ އެވެ.