އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް މިނިވަންކަމާ އެކު އެއްވެ އުޅުމާ ބެހޭ ގާނޫނަށް ނިމިދިޔަ ސަރުކާރުން ގެނައި އިސްލާހު އުވާލައިފި ނަމަ މުޅި ނިޒާމަށް ބުރުއަރާނެ އެތައް ކަމެއް ކުރިމަތިވެދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް، ފުލުހުންނަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށް ގާނޫނުގައި ލިޔުނީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ޕީޕީއެމްގެ މެޖޯރިޓީގަ އެވެ. އެ އިސްލާހަށް އޭރުގެ އިދިކޮޅު، މިހާރު ސަރުކާރުގައި ތިބި އެމްޑީޕީ ޖުމްހޫރީ ޕާޓީ އަދި އަދާލަތުން ވެސް ވަރަށް ބޮޑަށް ފާޑުކިޔެވެ.

މިއަދު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ޕީޕީއެމްގެ ސަރުލާކާރުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އިސްލާހު އޮތްގޮތަށް ބާއްވާފައި، އެއްވެ އުޅުމަށް އޭގެ ތެރެއިން ދެވެން އޮތް އެންމެ ފުލާ ފުރުސަތެއް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް އެ ލިބެން ޖެހޭ އެންމެ ފުޅާ މިނެއްގައި ލިބެންޖެހޭ ކަމަށެވެ. ނަމަވެސް އެ އިސްލާޙު އުވާލުމާ ބެހޭ ގޮތުން ސީޕީ ހަމީދު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ ޕޮލިސް ސާވިސްގެ ފަރާތުން ޓެކްނިކަލް ޖަވާބެއް އެކަމުގައި ކޮމިޓީއަށް އަރުވާނެ ކަމަށެވެ.

އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނަށް ގެނެސްފައި އޮތް އިސްލާހު އުވާލަން މަޖިލީހަށް ހުށަހެޅުވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ. ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ދަނީ އެމައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.