27 Nov 2019, 12:54
ކަނޑަށް އެޅޭ ތެޔޮ ރައްކާތެރިކަމާ އެކު ނައްތާލުމާ ގުޅޭ ތަމްރީނެެއްް މިއަދު ކުރިއަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް ކޯސްޓުގާޑުން ކުރިއަށްގެން ދިޔަ މި ތަމްރީނުގައި ކަނޑަށް އެޅޭ ތެލުގެ ބާވަތްތަކާއި، ކަނޑަށް ތެޔޮ އެޅުމުން ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި، ކަނޑަށް އެޅޭ ތެޔޮ ކޮންޓެއިންމެންޓް ކުރާނެ ގޮތާއި، ރިކަވާ ކުރާނެ ގޮތްތަކާއި، ކަނޑަށް އެޅޭ ތެޔޮ ރައްކާތެރިކަމާ އެކު ނައްތާލުމަށް ބޭނުންކުރާ އާލާތްތަކާ ބެހޭ ގޮތުން ވަނީ މައުލޫމާތު ދީފަ އެވެ.
އޮއިލް ޕޮލިޔުޝަން ރެސްޕޮންސް ޓްރޭނިންގް 1-2019"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ތަމްރީނުގައި "ދަ އިންޓަރނޭޝަނަލް ކޮންވެންޝަން ފޮ ދަ ޕްރިވެންޝަން އޮފް ޕޮލިޔުޝަން ފްރޮމް ޝިޕްސް (މާޕޯލް)" އާ ބެހޭ ގޮތުން ވަނީ މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މާލެ އާއި މާލެ ކައިރި ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދިޔަ މި ފަރިތަކުރުންތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް މެރިންކޯގެ ސިފައިން ބައިވެރިވި ކަމަށާއި ތަމްރީނުތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ، އެ ދާއިރާއިން ތަމްރީނު ލިބިފައިތިބި ސިފައިން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
މި ތަމްރީނުގެ އޮބްޒާވަރުންގެ ގޮތުގައި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި، މޯލްޑިވްސް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޭފުޅުން ބައިވެރިވެލެއްވި އެވެ.
މި ތަމްރީނުގެ ފައިނަލް އެކްސަސައިޒް ކުރިއަށްގެންދިޔައީ މިއަދު ހެނދުނު ހުޅުމާލޭގަ އެވެ.