27 Nov 2019, 10:30
ސައްބީސް އަހަރުގެ ފިރިހެނަކު، 13 އަހަރުގެ ކުޑަ ކުއްޖަކާ ކައިވެނީގެ ނަމުގައި ގުޅުން ހިންގައި އެކުއްޖާ ބަލިވެ އިން މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީއަށް ޖެންޑާ މިނިސްޓްރީ، ފުލުހުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުން ހާޒިރުކުރަން ނިންމައިފި އެވެ.
މައްސަލައިގައި ހަތަރު މުއައްސަސާގެ ބޭފުޅުން ހާޒިރުކޮށް ސުވާލުކުރުމަށް އެޖެންޑާ ކޮށްފައި ވަނީ މިރޭ 20:30ގައި އޮންނަ އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
މި މައްސަލަ ސަލާމަލުކަމަށް އައިސްފައި ވަނީ ދާދި ފަހުން ދޯންޏެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހާއަކީ 13 އަހަރުގެ އަންހެން ކުއްޖަކާއި ކައިވެނީގެ ނަމުގައި ގުޅުން ހިންގަމުން ދިޔަ ކަން އެނގުމުންނެވެ.
އެ ހާދިސާގައި ޒަހަމްވި މީހާގެ ދަރިއަކަށް އެ ކުއްޖާ ބަލިވެ އިނދެ ވަނީ ވިހައިފަ އެވެ. އެ މައްސަލަ މިހާރު އަންނަނީ ފުލުހުންނާއި ޖެންޑާ އިން ވެސް ތަހުގީގު ކުރުމުންނެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން ރާއްޖޭގެ އެއްވެސް ރަށެއްގައި އުމުރު ހަމަނުވާ ކުޑަކުދިންނާ ކައިވެނީގެ ނަމުގައި ގުޅުން ހިންގާތޯ ބެލުމުމުގެ މަސައްކަތް ވެސް ކޮމިޓީން ވަނީ ފަށައިފަ އެވެ.
މި މައްސަލައިގައި ޖެންޑާ އަދި ފުލުހުންނަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.