23 Nov 2011, 22:02
ގދ. ވާދޫން ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު ތިން މީހުން ފެނިއްޖެ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.
އެމްއެންޑީއެފުގެ ސަދަންއޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ޣާޒީއަށް އެ ތިން މީހުން ފެނިފައި ވަނީ ގދ. ގަމާއި 11 މޭލު ބޭރުން މިރޭ 8:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ޑިންގީގައި ތިބި މީހުން ހޯދިފައި ވަނީ އެމީހުން ގެންގުޅުނު ފޯނުގެ ލައިޓް ފެނުމުން ކަމަށާއި އަދި އެ ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް ސަދަންއޭރިއާގެ ކޯސްޓްގާޑް ސްކޯޑްރަންގް އިން މަޢުލޫމާތުދޭ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެ ތިން މީހުން ޝިޕް ޣާޒީއަށް ނެގުމަށް ފަހު ގދ. ވާދޫއަށް ގެންދިޔުމަށް ދަތުރުކުރަމުންދާ ކަމަށާއި އަދި ޑިންގީ ވެސް ކަފުޖަހައިގެން ގެންދާކަމަށް ސަދަންއޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގް އިން މަޢުލޫމާތު ދެ އެވެ.
އެ ރަށު ލަކީ މުހައްމަދު ދީދީ އާއި އެ ރަށު ނޫވިލާގޭ މުހައްމަދު ދީދީ އާއި މިސްކިތްދޮށުގޭ އިބުރާހިމް ދީދީ މަހަށް ނުކުމެ ގެއްލިގެން ކޯސްޓްގާޑުން ހޯދަން ފެށީ މިއަދު ހަވީރު އެވެ.