ރާއްޖޭގައި ދިވެހި ނަރުހުން ނިސްބަތުން މަދު ކަމަށާއި ދިވެހި އިތުރު ނަރުހުން ތަމްރީނު ކުރަންޖެހޭކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރޭ "ނާސިން ނައު މޯލްޑިވްސް" ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައިސް ސޯލިހު ވިދާޅުވީ، ދުނިޔޭގައި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ބޮޑު އަގުލަބިއްޔަތެއް ހިއްސާކުރާ ބަޔަކީ ނަރުހުން ކަމަށެވެ. އެގޮތުން ރާއްޖޭގައިވެސް ސިއްހީ ހިދުމަތްތަތެރިންގެ ތެރެއިން 56 ޕަސަންޓަކީ ނަރުހުން ކަމަށެވެ. އެގޮތުން 3،300 އަށްވުރެ ގިނަ ނަރުހުން ހިދުމަތުގައި އެބަ ތިބި އިރު ގިނައީ ބިދޭސީން ކަންް ރައީސް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ސިއްހީ ހިދުމަތުގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި، އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، ގިނަ އަދަދެއްގެ ދިވެހިން މި ދާއިރާއިން ތަމްރީނު ކުރުމަކީ، ވަރަށް ބޮޑަށް އިސްކަންދޭން ޖެހިފައިވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ނާސިން ނައު މޯލްޑިވްސް ކެމްޕެއިން އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ ރައީސް އޮފީސް

ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، މިހާރު ހިދުމަތުގައި ތިއްބެވި ނަރުހުންގެ އަދަދުވެސް އެކަށީގެންވާ ވަރަށްވުރެ މާ މަދު ކަމަށާއި އެކަމާމެދުވެސް ގައުމީ ފެންވަރުގައި އަޅުގަނޑުމެން އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި، ވަރަށް ގިނަ އަދަދެއްގެ ނަރުހުން ބޭނުންވާނެ. ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީވާއިރު، އެ ސަރަހައްދުތަކުގެ ކުދިން ނަރުހުންގެ ގޮތުގައި ތަމްރީނު ވުމަކީ، ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ނަރުހުންނަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކަވާފައެވެ. ރައީސް ވިދާޅުވީ، މުޖުތަމައެއްގެ ދުޅަހެޔޮކަން އިތުރުކުރުމުގެ އެންމެ މުހިންމު ބައިވެރިންނަކީ ނަރުހުން ކަމަށެވެ އެގޮތުން ރާއްޖޭގައިވެސް، ބަލިމީހުންނަށް ފަރުވާ ދިނުމުގަޔާއި، އާންމު ސިއްހަތާ ގުޅޭ އެންމެހައި ކަންކަން ކުރިއެރުވުމުގައި، ގިނަ އަދަދެއްގެ ނަރުހުން، ބުރަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކޮށް ނަރުހުންނަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

"ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ މައި އިންޖީނަކީ، އަދި ސިއްހީ ނިޒާމުގެ އެންމެ މުހިންމު ވަސީލަތަކީވެސް، އެ މުޖްތަމަޢެއްގެ ސިއްހީ ހިދުމަތްތެރިން. އޭގެ ތެރެއިންވެސް އެންމެ މުހިންމު ބަޔަކީ ނަރުހުން. ސިއްހީ ހިދުމަތުގައި ނަރުހުންގެ މުހިންމުކަން ބޮޑުވަނީ، ބަލިމީހުންނާ އެންމެ ގާތުން، އެންމެ ގިނަ ވަގުތު ހިދުމަތްދޭ ބަޔަކީ، ނަރުހުން ކަމަށްވާތީ،" ރައީސް ވިދާޅުވިއެވެ.

ރޭ ބެއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ، ނަރުހުންނަށް އަމިއްލަ ބޯހިޔާވަހިކަމާއި މަސައްކަތު ގަޑީގައި ދަރިން ބެލޭނެ ނިޒާމެއް ހަމަ ޖެހިފައި އޮތުމަކީ، އެ ހިދުމަތް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން ކަމަށް ސަރުކާރުން އިސްކަން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ތަފާތު ސަބަބުތަކާހުރެ، ހިދުމަތުގައި ދެމިތިބުމަށް ދަތިވެފައިވާ ނަރުހުންނަށްވެސް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަކީވެސް ބޭނުންތެރި ކަމެއް. އެކަން ހައްލުކުރުމަށްޓަކައި، ޕާޓްޓައިމްކޮށް ހިދުމަތް ކުރެވޭނެ މޮޑެލްތަކެއް ބަލައި، އަމަލީ ސިފަ ގެނައުމަށް ސަރުކާރުން މި އަންނަނީ މަސައްކަތްތަކެއް ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރޭ އިފްތިތާހު ކުރެވުނު ކެމްޕޭނާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ ކެމްޕޭނަކީ، ރާއްޖޭގެ މިހާރުގެ ސިއްހީ ހާލަތަށް ބަލާއިރު، ވަރަށް މުހިންމު ކެމްޕޭނެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ކުރިއަށް އޮތް އަހަރަކީ، އާޏްމު ސިއްހަތަށް އިސްކަމެއް ދޭން ނިންމާފައިވާ އަހަރަވާއިރު، އެ ކެމްޕޭންގެ މުހިންމުކަން ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމު ފުރިހަމަކޮށް ހަރުދަނާ ކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށްވެސް އެއީ ވަރަށް މުހިންމު ކެމްޕޭނެއް ކަމަށެވެ.

"އެހެންކަމުން، މި ކެމްޕޭން ކުރިއަށް ގެންދިޔުމަށް ނިންމެވި ކަމަށްޓަކައި، ދިވެހި ނަރުހުންގެ ޖަމްޢިއްޔާ އާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލްގެ މެމްބަރުންނަށް ވަރަށް އިހްލާސްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން،" ރައިސް ވިދާޅުވިއެވެ.

ކެމްޕެއިން އިފްތިތާހުކޮށްދެއްވީ، ރައީސް ސޯލިހު ދެކަނބަލުންނެވެ.