ގދ. ވާދޫން މިއަދު ހެނދުނު ޑިންގީއެއްގައި މަސްވެރިކަމަށް ނުކުތް ތިން މީހަކު ގެއްލިގެން ހޯދަންފަށައިފި އެވެ.
ވާދޫ ރަށު ކައުންސިލުން ބުނީ 15 ވަރަކަށް ފޫޓްގެ ޑިންގީއެއްގައި އެމީހުން މަސްވެރިކަމު ނިކުތީ ގާތްގަނޑަކަށް ހެނދުނު 10.00 ޖަހާއެހާކަންހާއިރު ކަމަށާއި އެމީހުން ގެއްލިގެން ހޯދަން ފެށީ މިއަދު ހަވީރު ކަމަށެވެ.

ގެއްލުނު ތިން މީހުންނަކީ އެރަށު ލަކީ މުހައްމަދު ދީދީއާއި އެ ރަށު ނޫވިލާގޭ މުހައްމަދު ދީދީ އާއި މިސްކިތްދޮށުގޭ އިބުރާހިމް ދީދީ ކަމަށް ވާދޫ ރަށު ކައުންސިލުން ބުންޏެވެ. އަދި ބުނީ އެ މީހުން ހޯދުމުގެ މަސައްކަތް އެ ރަށުގައި މިވަގުތު އޮތް ދޯންޏަކާއި ކޯސްޓްގާޑުގެ ލޯންޗަކުން ކުރަމުންދާ ކަމަށެވެ.

ވާދޫން ޑިންގީއެއްގައި ތިން މީހުން ގެއްލިގެން އެމީހުން ހޯދުމަށް މިއަދު ހަވީރުން ފެށިގެން މަސައްކަތްކުރަމުންދާ ކަމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވެސް ބުންޏެވެ.

ގދ. އަތޮޅުގައި މިއަދު މޫސުމް ވަރަށް ގޯސްކަމަށް ވާދޫ ކައުންސިލުން ބުންޏެވެ.