27 Nov 2019, 08:49
އުއްތަރަ ޕްރަދޭޝްގެ އަޔޯދިއާގެ ބާބުރީ މިސްކިތުގެ ހާދިސާ އަށް ބިނާކޮށް ބަތަލާ ކަންގަނާ ރަނައުތު ފިލްމެއް ހަދަން ނިންމައިފި އެވެ.
ބާބުރީ މިސްކިތުގެ މައްސަލައަކީ ހިންދޫންނާއި މުސްލިމުންނާ ދެމެދު ހޫނުވި އެއް މައްސަލަ އެވެ. އެ ފިލްމު ހަދާނެ ކަން އިއުލާންކުރުމަށްފަހު އެ ފިލްމަށް ކިޔާ ނަން ވެސް މިހާރު ވަނީ ހާމަކޮށްފައެވެ.
ކަންގަނާގެ ދައްތަ ރަންގޯލީ ޗަންދެލް ޕްރޮޑިއުސްކުރާ ފިލްމުގެ ނަމަކީ "އަޕަރްޖީތާ އަޔޯދިއާ" އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ކާމިޔާބު ސްކްރީން ރައިޓަރު ކޭވީ ވިޖެންދުރަޕްރަސާދެވެ.
ދިގުލައިގެން ގޮސް ޒަމާންވީ ކޯޓްގެ މައްސަލައަކަށް ފިލްމު ތައްޔާރު ކުރާއިރު އެ ފިލްމުން ފެންނާނެ ކާސްޓުންނެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާގެ ހައްދު ފަހަނައަޅި ހިންދޫން ނުކުމެ ތަޅާލި ބާބުރީ މިސްކިތް ހުރި ބިން ހިންދޫންނަށް ދޭން އިންޑިއާގެ ސުޕްރީމް ކޯޓުން މިމަހު ވަނީ ހުކުމްކޮށްފަ އެވެ.

ކަންގަނާ....
އެ ނިންމުމާ އެކު ހިންދޫންނަށް 2.77 އޭކަރުގެ އެ ބިމުގައި ފައްޅި އެޅުމުގެ ފުރުސަތު މިހާރު ވަނީ ލިބިފަ އެވެ. އަދި އޭގެ ބަދަލުގައި ފަސް އޭކަރުގެ އެހެން ބިމެއް މުސްލިމުންނަށް ދޭން ވެސް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. އެ މިސްކިތް ތަޅާލީ 1991 އަހަރުގެ ޑިސެމްބަރު މަހުގެ 6 ދުވަހުއެވެ.
ސޯޅަ ވަނަ ގަރުނުގައި ބިނާކުރި ބާބްރީ މިސްކިތް ހުރި ބިމަކީ ހިންދޫން ގަބޫލުކުރާ ރާމް ކަލާންގެ އުފަންވި ބިންކަމަށް އެމީހުން ދައުވާ ކުރެ އެވެ.