އިންޑިއަން އައިޑަލްގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް އައިޑަލްގެ ބައިވެރިއަކަށް ސްޓޭޖް މަތިން ކޮންޓްރެކްޓެއް ލިބި އޭގައި ސޮއިކޮށްފި އެވެ.

ސޮނީ ޓީވީ އިން ކޮންމެ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ރޭ ގެނެސްދޭ އައިޑަލްގެ 11 ވަނަ ސީޒަނުގައި ވަނީ މިއުޒިކް ޑައިރެކްޓަރުންތަކެއް ޝޯގެ ބައިވެރިއެއް ލައްވާ ލަވަ ކިޔުމުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުވާފަ އެވެ.

އައިޑަލްގެ ބައިވެރިޔާ ޖަނަބީ ދާސްއާ ކޮންޓްރެކްޓް ހަދާފައިވަނީ މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ އަޖޭ އާއި އަތުލް އެވެ. އާދިއްތަ ދުވަހުގެ ރޭގެ ޝޯގެ ތެރެއިން ކޮންޓްރެކްޓްގައި ޖަނަބީ ސޮއިކުރިއިރު އެ ރޭގެ އެޕިސޯޑް ހާއްސަކޮށްފައިވަނީ އެ ދެ މިއުޒިކް ޑައިރެކްޓަރުންގެ ލަވަތަކަށެވެ.

އެ ރޭގެ ޝޯގައި ޖަނަބީ ލަވަ ހުށަހަޅާ ނިމުމާ އެކު، ޑައިރެކްޓަރުން ވަނީ ޖަނަބީއާ އެކު ކޮންޓްރެކްޓެއް ހެދުމަށް ބޭނުންވާކަމަށް ބުނެފަ އެވެ. ޖަނަބީ އަކީ ތަފާތު ލަވަކިޔުންތެރިއެއް ކަމަށާއި ލަވަކިޔުންތެރިއެއްގެ ގައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް އޭނާގެ ގައިގައި ހުންނަ ކަމަށް ޑައިރެކްޓަރުން ބުންޏެވެ. އަދި ކޮންމެ މިއުޒިކް ޑައިރެކްޓަރެއް ވެސް އެ މީހުންގެ ލަވަތައް ކިޔުއްވަން ބޭނުންވާފަދަ އާޓިސްޓަކަށް ޖަނަބީ ވާނެ ކަމަށްވެސް ބުންޏެވެ.

އައިޑަލްގެ 11 ވަނަ ސީޒަން އެހެނިހެން ސީޒަންތަކާ އަޅައި ބަލާއިރު މާ ފޯރިގަދަ ކަމަށް ބެލުންތެރިން ބުނެ އެވެ. މިހާރު އައިޑަލްގެ ދަތުރުގައި ތިބީ ގަދަ 10 ބައިވެރިންނެވެ.