23 Nov 2011, 17:58
ސާކް ސަމިޓާ ގުޅިގެން އައްޑޫ ސިޓީގައި ބެހެއްޓި ބުދުތަކުގެ މައްސަލައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތް ބަލައިދިނުމަށް ޖަމިއްޔަތުއް ސަލަފުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ސަލަފުން މިއަދު އިންޓެގްރިޓީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ބައެއް ފުލުހުން ލައްވާ ގަދަކަމުން ބުދުތައް ބަހައްޓާފައިވާ ކަމުގެ ޝަކުވާ އެ ޖަމިއްޔާ އަށް ލިބިފައިވާ ކަމަށެވެ.
އަދި އެ އެއްޗިއްސަކީ އިސްލާމްދީނާއި ޤާނޫނު އަސާސީ އާއި އޭގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ރާއްޖޭގައި ބަހައްޓައި، ގެންގުޅުން މަނާ ތަކެތި ކަމަށް އިސްލާމިކް މިނިސްޓްރީން ވެސް އިއުތިރާފްވެފައިވާ ކަމަށެވެ.
ސަލަފްގެ ސިޓީގައި އަދި ބުނެފައި ވަނީ އިސްލާމްދީން ހިމާޔަތްކޮށް ގައުމުގެ އިސްތިޤްލާލު ދަމަހައްޓައި ޤާނޫނު އަސާސީން އިސްލާމް ދީނަށާއި ދިވެހި ރައްޔިތުންނަށް ލިބިދިނުމަށް ކަނޑައަޅާފައިވާ ކަރާމާތާއި ޤަދަރު ހިފެހެއްޓުމުގެ އެންމެ އިސް މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާ ކަމަށެވެ. އަދި އެކަންކަމުގެ ޙުރުމަތް ކަނޑައި އިސްލާމް ދީނާއި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފުވެ، ބުދުތަކުގެ ޙިމާޔަތާއި ރައްކާތެރިކަމުގައި ފުލުހުން ރުހުމާއި ނުރުހުމުގައި އެމީހުން ނެރުމުގެ ސަބަބުން މުސްލިމް ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވެ، މުސްލިމްދިވެހިދަރީންގެ ޙުރުމަތާއި ޤައުމުގެ އިސްތިޤްލާލަށް ބުރޫއަރައިފައިވާ ކަމަށެވެ.
"ފުރަތަމަ ދަނޑިވަޅު މިކަން ބައެއްފަރާތްތަކަށް ސާފުވެފައި ނެތް ކަމުގައި ވިއަސް ، ރައްޔިތުން ހައްޔަރުކޮށް، ރައްޔިތުންނާ ކުރިމަތިލާން ނިކުންނަން ޖެހޭއިރު ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ޙަޤީޤަތް ބެލުމަކީ ސަރުކާރުގެ އެ މުއައްސަސާއެއްގެ ޒިއްމާއެކެވެ. މި ޒިއްމާ ނުނަގައި މައްސަލަވެސް ނުބަލާނަމަ އެކަންހިމެނިގެންދާނީ އިސްލާމްދީނާއި ޤަޥުމާއި ރައްޔިތުންގެ ޙައްޤުގައި ވީ އިހްމާލެއް ކަމުގައެވެ،...."
ސަލަފްގެ ސިޓީގައި ބުނެފައި ވަނީ އިސްލާމިކް މިނިސްޓްރީން އެކަން އަންގާ މީޑިއާގައި ހާމަކުރުމަށް ފަހު ވެސް ބުދުތައް ޙިމާޔަތްކޮށް، އޭގެ ވަށައިގެން ފުލުހުން ލައްވައި ފޯރި މަރުވާފައިވުމީ ދިވެހި ފުލުހުންގެ މުއައްސަސާ އިން ޤާނޫނުގެ އެއްވެސް ކަރާމާތެއް ނުބެހެއްޓިކަމުގެ ހެއްކެތް ކަމަށެވެ.
"މީގެ އިތުރުން ބައެއް ފުލުހުން އިސްލާމްދީނާއި ޤާނޫނު އަސާސީގެ ޙާއްޤުގައި އިންކާރު ކުރުމުން އެފަރާތްތަކަށް ތަފާތު އިންޒާރުދީ، ފިއްތުންތައް ކުރިމަތިކޮށް އެއްބަޔަކު މަޖްބޫރުކޮށް ގަދަކަމުން ނެރެފައިވާކަމުގެ ޝަކުވާ ލިބިފައިވުމީ ޚިޔާނާތުގެ ބޮޑުކަމާއި ކުށުގެ ނުރައްކާތެރިކަން ހާމަކޮށްދޭ އިތުރު ހެކިތަކެވެ. ވީމާ ތިޔަ ކޮމިޝަނުން މި އެންމެހާ ކަމެއް ބަލައިދެއްވުމާ އެކު އެކަމަށް ފިޔަވަޅު އަޅައިދެއްވުމަށް ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން އެދި ހުށައެޅީމެވެ،..."