ދޫނިދޫ ޖަލު ތަޅާލުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ދޫނިދޫ ޖަލު ތަޅާލުމުގެ މަސައްކަތް ފައްޓަވައިދެއްވީ، ހޯމް މިނިސްޓަރު ޝެއިހް އިމްރާން އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލުތަކުގެ ހާލަތު ބަދަލުކުރުމަށްޓަކައި އެތަންތަނުގެ އިމާރާތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް ފެށުމުގެ ގޮތުން، ޖަލު ތަޅާލުމުގެ މަސައްކަތް ފެށިގެން ދާކަމީ އުފާ ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދޫނިދޫގައި ހުންނަ ބައެއް ކަސްޓޯޑިލް ތަންތަން ބޭނުން ނުކުރާ ތަންތަނުގެ ގޮތުގައި ނިންމައި، އެތަންތަން ތަޅާލުމުގެ މަސައްކަތް ފެށުމަކީ އުފާ ކުރާ ކަމެއް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދޫނިދޫ ޖަލު ތަޅާލުމަށްފަހު ކުރާ މަރާމާތުގެ ކަންކަން އަންނަ އަހަރުގެ ތެރޭގައި ނިމޭނެ އެވެ.

ޖަލުގެ ހާލަތު ދެނަގަތުމަށް ރައީސް ސޯލިހް އެކުލަވާލެއްވި ޖަލު ކޮމިޝަނެއް މިދިޔަ އެޕްރީލް މަސްތެރޭ ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ބައެއް ޖަލުތައް ހުރީ އިންސާނުން ބަންދުކޮށްގެން ގެންގުޅެން އެކަށީގެންވާ ހާލަތެއްގައެއް ނޫނެވެ.

ޖުމްލަ 290 ސަފްހާގެ އޮޑީޓް ރިޕޯޓްގައި ޖަލަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އިސްލާހުކުރަންޖެހޭ 180 އަށްވުރެ ގިނަ ކަންތައްތައް ވަނީ ފާހަގަކޮށްފަ އެވެ. އަދި "ޕްރިޒަންސް ރިފޯމް މޮނިޓަރިން ކޮމެޓީ"އެއް އެކުލަވާލައި، އޮޑިޓުން ފާހަގަވި ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.