ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވޭ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ އޮޑިޓެއް، އޮޑިޓާ ޖެނެރަލްގެ އޮފީހުން ފަށައިފި އެވެ.

ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑީރެކްޓަރު އިބްރާޙިމް ރަޝީދު (މާމިގިލީ އިބޫ) މިއަދު "ސަން" އަށް ވިދާޅުވީ، އެ ކުންފުނީގެ އޮޑިޓެއް އޮޑިޓް އޮފީހުން ކުރަން ފެށީ މިއަދު ކަމަށެވެ.

"އޮޑިޓް ކުރަނީ ބޯޓުގެ މައްސަލައިގައި" އިބޫ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އޮޑިޓް އޮފީހުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ޖީއެމްއައިޒެޑްއެލްއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ދެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން އަންނަނީ ބަލަމުންނެވެ. އެއީ ތިލަފުށީ ފަޅުގައި ވެރިިޔަކު ނެތި އޮތް "އެމްވީ ސަފެޔާ" ބޯޓު ނައްތާލުމަށް ބަޔަކަށް ދިން މައްސަލަ އާއި އުސޫލުތަކާ ހިލާފަށް ގުދަން އެޅުމަށް ބަޔަކާ ހަވާލު ކުރި މައްސަލަ އެވެ.

ބޯޓުގެ މައްސަލައިގައި އޮޑިޓެއް ކުރަން ފެށި ކަމަށް އިބޫ ވިދާޅުވިއިރު، އެ ބޯޓު ހަވާލު ކުރި ކުންފުނި ޕާކްވަން އިންވެސްޓްމަންޓުން ވަނީ ޖީއެމްއައިޒެޑްއެލް އިން އޮޅުވާލައި މަކާރާ ހީލަތުން ކަންތައްތަކެއް ކުރި ކަމަށް ބުނެ، 10 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ، އެސްއޯއީ ކޮމިޓީއިން ބަލަމުންދާ މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ބޯޑު މެމްބަރުންނާއި ކުންފުނީގެ އެމްޑީ ވަނީ ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ކުންފުނީގެ ޗެއާމަން ސައުދުﷲ އަހްމަދު ކޮމިޓީގައި ވިދާޅުވީ، ބޯޓު ބަޔަކާ ހަވާލު ކުރީ ކުންފުނީގެ ބޯޑަށް ނޭނގި ކަމަށާއި އެ މައްސަލަ ފެންމަތިވި ހިސާބުން އެކަން ހުއްޓުވުމަށް އަންގައި، އިންޓާނަލް އޮޑިޓެއް ހެދި ކަމަށެވެ. އަދި އެ އޮޑިޓުން ފާހަގަވި ކަންކަން ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރި ކަމަށް ވިދާޅުވި އެވެ.

އެ ތުހުމަތުތައް އެމްޑީ އިބޫ ދޮގު ކުރެއްވި އެވެ.

އެހެން ނަމަވެސް، އިބޫގެ ވާހަކަތައް ގަބޫލު ނުކުރައްވާ އެސްއޯއީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ، އިބޫއަށް ފާޑު ވިދާޅުވެ އޭނާގެ ވަކި ކުރަން ގޮވާލައިފަ އެވެ.