26 Nov 2019, 16:05
އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނެއްގައި، 10 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ނޭވާހޮޅިން ބުރުގާ ޕިނެއް ނަގައިފި އެވެ.
އައިޖީއެމްއެޗް އިން ބުނީ އެ އޮޕަރޭޝަނަށް ގަޑިއެއްގެ އިރު ހޭދަވިކަމަށެވެ.
މިއަދު ކުޑަ ކުއްޖެއްގެ ނޭވާހޮޅިން ބުރުގާ ޕިނެއް ނަގާފައި ވާއިރު، ރޭ ވަނީ 19 އަހަރުގެ އަންހެނެއްގެ ބަނޑުން ވެސް ބުރުގާ ޕިނެއް ނަގައިފަ އެވެ.
އެ ޕިން ނެގީ ޔޫޖީއައި އެންޑެސްކޮޕީ ބޭނުންކޮށްގެން ކަަމަށް އައިޖީއެމްއެޗްއިން ބުންޏެވެ. އަދި ޔޫޖީއައި އެންޑެސްކޮޕީ އިން ޕިން ނުނެގިއްޖެ ނަމަ، ބޮޑު އޮޕަރޭޝަނަކަށް ދާން ޖެހޭނެ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
މިމަހުގެ 10 ވަނަ ދުވަހު އައިޖީއެމްއެޗުން ވަނީ ދިވެހި އަންހެން ކުއްޖެއްގެ ޕުއްޕާމެއިން ވެސް ބުރުގާ ޕިނެއް ނަގައިފައެވެ.
އެ ހޮސްޕިޓަލުން ބުނީ މިފަދަ މައްސަލަތައް މިހާރު އިތުރުވަމުން އަންނަ ކަމަށާއި، މިއީ ނުރައްކާތެރި ކަމެއް ކަމަށެވެ. އެހެންކަމުން މިކަމަށް ސަމާލުވުމަށް އެ ހޮސްޕިޓަލުން އެދެއެވެ.
"އެހެންކަމުން އެއްވެސް ސަބަބަކާ ހެދި، ބުރުގާ ޕިން އަނގަޔަށް ނުލުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވާ،" އައިޖީއެމްއެޗް އިން ކުރި ޓުވީޓެއްގައިވެއެވެ.
އައިޖީއެމްއެޗް އިން ބުނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެފަދަ 15 ހާދިސާއެއް ރިޕޯޓް ކޮށްފައިވާއިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އެންމެ ބޮޑަށް ހިމެނެނީ އުމުރުން 13 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ވެސް އައިޖީއެމްއެޗު އިން ވަނީ ބުނެފަ އެވެ.