26 Nov 2019, 15:13
ރާއްޖޭގެ ސަލާމަތީ ކަންކަން ބަލަހައްޓާ މުއައްސަސާތަކުގައި ތިބި ބައެއް މީހުން ވެސް މިއަދު "އަނދިރި ދައުލަތު"ގެ ފިކުރު ގަބޫލުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތައް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ދޮގުކުރައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް ހޯމް މިނިސްޓަރު ހާޒިރުކުރުމުން، ގިނަ މެމްބަރުންގެ ސުވާލުތައް އަމާޒުވީ ހަރުކަށި ފިކުރު ހުއްޓުވުމުގައި ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.
ޖަލްސާ ފަށަމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ، ހަރުކަށި ފިކުރު ހުއްޓުވުމުގައި ފުލުހުން ނުކުޅެދިފައި ވަނީ، ބައެއް ފުލުހުން އެ ފިކުރު ގަބޫލުކުރާތީ ކަމަށް އެމަނިކުފާނު ކުރައްވާ ތުހުމަތު ތަކުރާރު ކުރައްވައިފައެވެ.
ނަމަވެސް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ވަނީ އެވާހަކަތައް ދޮގުކުރައްވައިފައެވެ. އިމްރާން ވިދާޅުވީ އެ ފިކުރުގެ ބަޔަކު ފުލުހުންގެ މުއައްސަސާގެ ތެރޭގައި ތިބެގެން ތަހުގީގު ލަސްވާކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން މުއައްސަސާތަކުގެ ތެރޭގައި ހަރުކަށި ފިކުރަށް، ޓެރަރިޒަމާ ގުޅުންހުރި ޖަމާއަތްތަކަށް ހިތްވަރުދޭނެ ބަޔަކު ތިބެގެން ފިޔަވަޅު ނޭޅޭނެ ކަމަކަށް،" އިމްރާން ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ ހަރުކަށި ފިކުރު ފުލުހުންގެ ތެރޭގައި ފެތުރިފައިވޭތޯ ބެލުމުގެ މަސައްކަތް ފުލުހުންގެ އިސްވެރިންނާ ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށާއި އެފަދަ ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ.
ހަރުކަށި ފިކުރުގެ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން ފެއިލްވެފައިވާ ކަމަށް ބުނާ ވާހަކަތަކަށް ވެސް އިމްރާން މިއަދު ވަނީ ރައްދު ދެއްވައިފައެވެ.
އިމްރާން ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ އަމަލުތަކަކީ 2007 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ ކަމެއް ކަމަށާއި އެކަންކަން ހުއްޓުވަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެހެން ނަމަވެސް އެކަންކަން ހުއްޓުވުމަކީ ހަމައެކަނި ފުލުހުންގެ ޒިންމާއެއް ނޫން ކަމަށާއި، އެކަން ކުރެވޭނީ ދައުލަތުގެ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އެކުގައި މަސައްކަތް ކޮށްގެން ކަމަށް އިމްރާން ވިދާޅުވިއެވެ.