23 Nov 2011, 17:33
ހދ. ނޭކުރެންދޫ، އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ އެސޯސިއޭސަން ފޯ ނޭކުރެންދޫ ޑެވެލޮޕްމަންޓުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ “އެންޑް ފުޓްސަލްކަޕް 2011″ ގެ ޗެމަޕިޔަންކަން ވައިކަރަދޫ ވިޔެސް ޖަމިއްޔާގެ ޓީމު ހޯދައިފި އެވެ.
ވިޔެސް ޗެމްޕިޔަންކަން ހޯދާފައިވަނީ އިއްޔެ ނޭކުރެންދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި މިދިޔައަހަރުގެ ރަނަރަޕް ނިއޯ ސިވިކާ ބައްދަލުކޮށް 0-3 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މެޗުގައި ވިޔެސްއަށް ލަނޑު ޖަހާދިން ކުޅުންތެރިންނަކީ އިބްރާހީމް ފަޒީލާއި، ހުސެން ފަވާޒު އަދި އިބްރާހީމް އަގީލެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ ވިޔެސްގެ އިބްރާހީމް އަގީލެވެ.
ފައިނަލް މެޗު ނިމުމުން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. އެގޮތުން މުބާރާތުގެ ޗެމްޕިޔަން ޓީމަށް ތައްޓާއި 3000 ރުފިޔާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ރަނަރަޕްޓީމަށް 1500 ރުފިޔާގެ އިނާމުވެސް ހަވާލުކޮށްފައިވެއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިން ހޮވާ އެފަރާތްތަކަށްވެސް އިނާމް ހަވާލުކޮށްފައިވެއެވެ.
މިގޮތުން މިމުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަކީ: އަހްމަދު ޝަރުވާން (ނިއޯ ސިވިކް)، އިބްރާހީމް އަގީލް (ވިޔެސް)، އަހްމަދު ބިލާލު (ވިޔެސް)، ހުސެން ފަވާޒު (ވިޔެސް) އަދި އަހްމަދު އިމާޒު ( މާޒިންސް)އެވެ. މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ އައިލް ނިއު އެޑިޝަން އެވެ. މިމުބާރާތަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަ ކަށާއި އޮފިޝަލުންވެސް މި ރަސްމިއްޔާތުގައި ހަނދާނީލިޔުން ދީފައިވެ އެވެ.