19 Jun 2010, 14:43
19:00
ސ. ހިތަދޫގައި 34 އަހަރުގެ ފިރިހެނަކު 10 އަހަރުގެ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގަމުންދަނިކޮށް ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ވަނީ ހިތަދޫ ފަސްގަނޑު ސަރަހައްދުގައި އާންމުކޮށް އެފަދަ އަމަލުތައް ހިނގަމުންދާ ސަރަހައްދެއް ކަމަށް ފުލުހުންނަށް ފާހަގަކުރެވިފައިވާތީ އެތަން ބަލަހައްޓަން ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ހުކުރު ވިލޭރޭ 9:30 ހާއިރު ކުއްޖަކު ވަރަށް ބާރަށް ރޯ އަޑު އިވިގެން ފާރަލަމުން ދަނިކޮށް އެ ކުއްޖާއާ އެކު އެ އަމަލު ހިންގަމުން ދަނިކޮށް ކަމަށެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ ސަރަހައްދަކީ މީހުން އާއްމުކޮށް ގޮސްއުޅޭ ހިސާބަކަށް ނުވާތީ އާއި ވޯލްޑް ކަޕާ ދިމާކޮށް މީހުން އެ ހިސާބަށް ގޮސް އުޅުން މަދުވެފައި ވާތީ އެ ސަރަހައްދުގައި އެފަދަ ޢަމަލުތައް ހިންގަމުންދާކަން އިތުރުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ ކުއްޖާ އެ ހިސާބަށް ގަދަކަމުން އެމީހާ ގެންދިޔައީ ކަމެއް ނުވަތަ އެމީހާއާ އެކު ދިޔައީ ކަމެއް އަދި އެނގިފައިނުވާ ކަމަށެވެ. މިހާރު އެ ކުއްޖާ ވަނީ އާއިލާއާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
މިއީ މި އަހަރުގެ މިހާތަނަށް އައްޑު އަތޮޅުން ފެންމަތިވި މިފަދަ ހަ ވަނަ މައްސަލަ އެވެ.
މި މަހުގެ ކުރީކޮޅު ވެސް ސިކުނޑީގެ މައްސަލައެއް ހުންނަ އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގައިގެން 27 އަހަރުގެ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މިދިޔަ މަހު، 13 އަހަރުގެ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގައިގެން 54 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާއިރު 10 އަހަރުގެ އަންހެން ކުއްޖަކަށް ފައިސާ ދީ ބިރުދައްކައިގެން 40 އަހަރުގެ މީހަކުވެސް މިދިޔަ މަހު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.